ޚަބަރު
ނިޔާވެފައިވާ ތުއްތުކުއްޖެއްގެ ފޮޓޯ އަދި މައުލޫމާތު ބޭނުންކޮށްގެން ފައިސާ ހޯދާ މައްސަލައެއް

ސްކޭމް އެލަރޓް
ނިޔާވެފައިވާ ތުއްތުކުއްޖެއްގެ ފޮޓޯއާއި މަޢުލޫމާތު ބޭނުންކޮށްގެން ފައިސާ ހޯދުމުގެ މައްސަލައެއް ފާޅުވެ، އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެވިއްޖެއެވެ.
"ނީޝާ" ނަމަކަށް ޖަހާފައިވާ ފޭސްބުކް އެކައުންޓަކުން "މިތުއްތު ފުރާނައަށް ﷲއަށްޓަކައި ކޮންމެވެސް ވަރެއްގެ އެހީއެއް ވަމާތޯ" މިފަދައިން ލިޔެ، ނިޔާވެފައިވާ ކުއްޖެއްގެ ފޮޓޯއާއެކު ފަންޑް ރައިޒް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މި މައްސަލައިގައި ކުއްޖާގެ މަންމަ ވަނީ އޭނާގެ ނިޔާވެފައިވާ ދަރިފުޅުގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ފޭސްބުކްގެ އެ އައިޑީއިން ބަޔަކު ފަންޑްރެއިސް ކުރާކަމަށް ބުނެފައެވެ. އަދި މިކަމަށް ސަމާލުވުމަށާއި މިމައްސަލަ މިހާރު ފުލުހަށް ހުށައަޅާފައިވާކަމަށް ފޭސްބުކްގައި ގިނަ އަދަދެއްގެ މަންމައިން ހިއްސާވާ ގްރޫޕެއްކަމަށްވާ "މަމްސް އެއިޑް" ގްރޫޕަށް ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ ހިތާމަހުރި ކަމެއް ކަމަށާއި، މިފަދަ ޢަމަލުތަކުގެ ސަބަބުން ހަޤީޤަތުގައި އެހީ ބޭނުންވެފައި ތިބި މީހުން ދެނެގަތުމަށް ދަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި އެހީދޭން ކިތަންމެ ބޭނުންވިޔަސް މިފަދަ ކަންކަން މިހެން ހިނގާތީ އެހީ ދިނުމަށް ޖެހިލުންވާކަންވެސް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މި މައްސަލަ ބަލަމުންދާކަމަށް ބުނެފައިވާއިރު، މިފަދަ މައްސަލަތަކުގައި ރައްޔިތުން ސަމާލުވުމަށާއި، ޝައްކުކުރެވޭ ކަންކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމަށް އެދިފައިވެއެވެ.