Ads by Aqeeqa Maldives

ޚަބަރު

ޕޮލްކޯގެ ފައިސާއިން އައިލެންޑް އެކްސްޕާޓުން ގަތް މުދާ ދައުލަތަށް ނެގުމަށް ހުށަހަޅައިފި

ޕޮލްކޯގެ ފައިސާއިން އައިލެންޑް އެކްސްޕާޓުން ގަތް މުދާ ދައުލަތަށް ނެގުމަށް ހުށަހަޅައިފި

ޕޮލްކޯ ފްލެޓް ފޮޓޯ:އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 08:08

23 އޭޕްރީލު 2025، 08:08

ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ) މެދުވެރިކޮށް ނުހައްގުން ހޯދާފައިވާ ފައިސާއަށް 'އައިލެންޑް އެކްސްޕާޓް' ކުންފުނިން ގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މުދާތަކާއި ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ އިމާރާތް ދައުލަތަށް ނަގަން ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި މިއަދު މަޝްވަރާކޮށްފިއެވެ.

މި މައްސަލައަކީ ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި 'ބްލޫ ހައުސިން' މަޝްރޫއާ ގުޅުން ހުރި މައްސަލައެކެވެ. މި މަޝްރޫއަށް ޖުމުލަ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮޑިޓް ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގި މަޝްރޫއެކެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ޕޮލްކޯއިން ނުހައްގުން ނެގި ފައިސާ ބޭނުންކޮށްގެން އައިލެންޑް އެކްސްޕާޓް ކުންފުނިން ހުޅުމާލެއިން ބިމެއް ހޯދައި، އެ ބިމުގައި 17 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް އިމާރާތްކުރަން ފަށާފައިވެއެވެ. މި އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފައެވެ.

ނާޒިމް އިތުރަށް ވިދާޅުވި ގޮތުގައި، މި އިމާރާތް އެޅުމަށް ބޭނުންކުރި ބިމަށް ދައްކަންޖެހޭ 86 މިލިއަން ރުފިޔާ ވެސް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އައިލެންޑް އެކްސްޕާޓުން ދައްކާފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުންގެ ފަރާތުން އިހުމާލުވެފައިވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ޕޭމަންޓްތައް ދޫކުރި ފަރާތްތަކާއި، ހުއްދަ ދިން ފަރާތްތަކާއި، ވައުޗަރުތަކުގައި ސޮއިކުރި ފަރާތްތައް ވެސް އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، ޕޮލްކޯ މެދުވެރިކޮށް ޚިޔާނާތުގެ ތެރެއިން ހޯދާފައިވާ ދައުލަތުގެ ފައިސާއިން އައިލެންޑް އެކްސްޕާޓް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ އިމާރާތާއި އަދި ހޯދާފައިވާ މުދާތައް ދައުލަތަށް ނަގަން ރެކޮމެންޑްކުރާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައިގެ ރިޕޯޓު މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ތަޅުމުން ފާސްކުރުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، އެސެޓް ރިކަވަރީ ބިލުގެ މަސައްކަތް އަވަސްކުރުމަށް ނާޒިމް ވަނީ ގޮވާލައްވާފައެވެ. އަދި މި ބިލުގެ މަސައްކަތް މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަނައިބަށް މި މަހުގެ ނިޔަލަށް މުހުލަތެއް ދީފައިވާ ކަމަށް އޭނާ ވަނީ އިއުލާނުކުރައްވާފައެވެ.

'ބްލޫ ހައުސިން' މަޝްރޫއަްރޫއަކީ 2013 ވަނަ އަހަރު ސަރުކާރުން ޕޮލްކޯ މެދުވެރިކޮށް ފެށި މަޝްރޫއެކެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރެވުނީ ނޫމަޑިއާއަށެވެ. ނަމަވެސް އެ ކުންފުންޏަށް މަޝްރޫއު ނުނިންމިގެން ފަހުން އައިލެންޑް އެކްސްޕާޓާ ހަވާލުކުރެވުނެވެ. މި ކުންފުނިތަކާ މެދުގައި ފިޔަވަޅު އެޅުމަށް މާލީ ވުޒާރާއަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާ ދީފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާއި 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ޚަރަދުވެފައިވެއެވެ. މިއީ ޕޮލްކޯގެ ނާގާބިލުކަމާއި ކޮރަޕްޝަނަށް ޝައްކުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ގެއްލުނު ފައިސާ ކަމަށް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީތަކުގެ ބަދަލުގައި ކަމާ ގުޅުންހުރި މިނިސްޓްރީއެއް މެދުވެރިކޮށް މި ފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި އިތުރު ތަފްސީލުތައް ހޯދުމަށް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ވަނީ ހޯމަ ދުވަހާ ހަމައަށް ވަގުތު ދީފައެވެ. އޭގެ ފަހުން ޕޮލްކޯއާ ބައްދަލުކުރުމަށްފަހު، މާލިއްޔަތު ކޮމިޓީން މި މައްސަލައިގެ ރިޕޯޓު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS