ޚަބަރު
މޫސުމީ ބަދަލުތަކުން ފެނާއި ނަރުދަމާ ނިޒާމަށް އަސަރުކުރަމުންދާކަމަށް ވަޒީރު ޠާރިޤު ވިދާޅުވެއްޖެ

ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު
މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށުގެ ފެނާއި ނަރުދަމާ ނެޓްވޯކްތަކަށް އަސަރުކުރަމުންދާކަމަށާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް ދުރާލާ ތައްޔާރުވުން މުހިންމުކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރާއްޖޭގައި މިވަގުތު 133 ރަށެއްގައި ފެނުގެ ޚިދުމަތް ދޭއިރު 144 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށްފައިވާކަމަށެވެ. އަދި މި ނިޒާމުތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ މުހިންމުކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަށްތައް ބަރޯސާވެފައި އޮންނަނީ ފެނާއި ނަރުދާމާގެ ނިޒާމަށް ވަރަށް ބޮޑަށް. އެގޮތުން ކުރިއަށް ދާއިރު އެކި ކަހަލަ ކާރިސާތައް އެބަ ދިމާވޭ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން. މިހާރު އަތޮޅުތަކުގެ ތެރޭގައި އެންމެ ބޮޑަށް ދިމާވާ ކަމަކީ ވާރޭ ވެހި ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާ ސިސްޓަމަށް ދިމާވާ މައްސަލަ. ނަރުދަމާގެ ނިޒާމަށް ފެން އެޅުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ މައްސަލަ ދިމާވޭ
ވަޒީރު
ވަޒީރު އިތުރަށް ވިދާޅުވީ މިފަދަ ކުއްލި ހާލަތްތަކަށް އަބަދުވެސް ތިބެންވާނީ ތައްޔާރީ ހާލަތުގައިކަމަށެވެ. އަދި އަމަލުކުރާނެ ގޮތް އެނގި ތައްޔާރީ ހާލަތުގައި ތިބެއްޖެނަމަ ކުއްލިހާލަތުގެ ވަގުތު ބޮޑުތަނުން ކުޑަކުރެވިގެންދާނެކަމަށެވެ.
ފެނުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އާރްއޯ ޕްލާންޓު ބަހައްޓައިގެން ފެނުގެ ޚިދުމަތް ދޭއިރު އެކަމަކީވެސް ވަރަށް ގާތުން ބަލަންޖެހޭ ކަމެއްކަމަށެވެ. ޚާއްސަކޮށް އާރްއޯ ޕްލާންޓު ހިންގުމުގައި ފެނުގެ ކޮލިޓީ ބަލަހައްޓަންޖެހޭކަމަށާއި ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ ވަރަށް މުހިންމުކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފެނާއި ނަރުދަމާގެ ދާއިރާއަށް ތައްޔާރުކުރާ އެމަޖެންސީ ޕްލޭން އެކުލަވާލުމުގެ ގައިޑްފޮތް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ތާރިޤް އިބްރާހީމް ވަނީ 23 އޭޕްރީލް 2025 ގައި އިފްތިތާޙުކޮށްދެއްވާފައެވެ. މި އާއި އެކު، 23 އިން 24 އެޕްރީލް 2025 އަށް އެމަޖެންސީ… pic.twitter.com/Q2XQZgwEbY
— Ministry of Tourism and Environment (@MoTmv) April 23, 2025
މި ރަސްމިއްޔާތުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ ޕްލޭން އިފްތިތާހުކުރެވުނެވެ. މިޕްލޭނަކީ ވަރަށް މުހިންމު ޕްލޭނެއްކަމަށް ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޔުޓިލިޓީ ޚިދުމަތް ދެމުންދާއިރު މިއިން ކޮންމެ ރަށަކީ ވަކިން މެނޭޖްކުރަން ޖެހޭ ރަށެއްކަމަށެވެ. އަދި ވަކިވަކި އާބާދީތަކެއްގެ ގޮތުގައި އުޅޭއިރު ދިމާވެދާނެ ކުއްލި ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތައް މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. ޚާއްސަކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ނަރުދަމާގެ ނިޒާމަށް ދިމާވާ މައްސަލަތައް އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.