ޚަބަރު
ރަނގަޅު ބެޑް ކެޕޭސިޓީއެއް ލިބިއްޖެކަމަށް ވެއްޖެއްޔާ އައްޑޫ ފީސިބަލް ވެގެންދާނެ: ވަޒީރު ޠާރިޤު

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ފޮޓޯ: ރައީސް އޮފީސް
ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ޝަންގްރިލާ ވިލިނގިލި ރިސޯޓް އޯޓް އެންޑް ސްޕާ އަލުން ހުޅުވުމަށް މަސައްކަތް ކުރިއަށްދާކަމަށާއި މިކަމަކީ އައްޑޫ އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޭނުންވެފައިވާ ކަމެއްކަމަށާއި، އެ އަތޮޅުގައި ޓޫރިޒަމް ކާމިޔާބު ކުރުމަށް އެންމެ މުހިއްމީ އެނދު އިތުރުކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޠާރިޤު ވިދާޅުވީ 500 އެނދުގެ މި ރިސޯޓް އަލުން ހުޅުވުމާ ގުޅޭގޮތުން އެ ރިސޯޓުގެ މެނޭޖުމަންޓާ މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިދިޔަ މަހު އެ ރިސޯޓަށް ވަޑައިގެން ހާލަތު ވެސް ބައްލަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ރިސޯޓުގެ މެނޭޖްމަންޓުން ފާހަގަކުރި އެންމެ މުހިންމު އެއް ނުކުތާއަކީ ކަނެކްޓިވިޓީގެ މައްސަލައެވެ. އައްޑޫއަށް ދަތުރުކުރުމުގައި ހުރި ދަތިތަކާއި، ޝަންގްރިލާއަށް ދާ ފަތުރުވެރިން މާލޭގައި ގިނައިރު ހޭދަކުރަންޖެހޭ މައްސަލަ ފާހަގަކުރެވުނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރުގެ އެއަރލައިންތަކުން އައްޑޫއަށް ސީދާ ދަތުރުތަކެއް ދާއިމީކޮށް ކުރިއަށް ގެންދިއުމުއުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެނދުގެ އަދަދު މަދުވުން ކަމަށެވެ. ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތަކެއް ކުރުމަށްޓަކައި 3،000 އެނދު އެ ސަރަހައްދަށް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރު އައްޑޫގައި ހެރެތެރެ ރިސޯޓާއި އިކުއެޓާ ވިލެޖް ހިންގަމުންދާ ކަމަށާއި، އިސްމެހެރަ ވެސް ވަރަށް އަވަހަށް އަލުން ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަންގްރިލާ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމުގެ ސަބަބުން މަރާމާތުތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ކޮޓަރިތަކުގެ އެތެރޭގެ ހާލަތާއި، ސްވިމިންގ ޕޫލާއި ބަދިގެ އާއި ފެނާއި ކަރަންޓުފަދަ ޚިދުމަތްތައް ހުރީ ރަނގަޅު ފެންވަރެއްގައި ކަމަށް ވިދާޅުވިއެވެ.
ފެބްރުއަރީ 2023 ވަނަ އަހަރު ސަރުކާރުން ވަނީ ޝަންގްރިލާގެ 30 ޕަސެންޕަސެންޓް ހިއްސާ ދޫކޮށްލާފައެވެ.