ޚަބަރު
ހަނިމާދޫ އެއަރޕޯޓް ހުޅުވުމާއެކު އުތުރުގައި ޓޫރިސްޓް އެނދު މަދުވުމުގެ ގޮންޖެހުން ކުރިމަތިވެދާނެ: ފަތުރުވެރިކަމާބެހޭ ވަޒީރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކުރެހުމެއް ފޮޓޯ:އިންޓަނެޓް
ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވުމާއެކު، އުތުރުގެ ތިން އަތޮޅުގައި ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށް ހުރި އެނދުގެ އަދަދު މަދުވުމަކީ ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޠާރިޤު ވިދާޅުވީ، ރާއްޖޭގައި އެންމެ މަދުން ޓޫރިސްޓު ރިސޯޓްތައް ހުރި އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅާއި ހދ. އަތޮޅު ހިމެނޭ ކަމަށެވެ. އެގޮތުން ހއ. އަތޮޅުގައި ދެ ރިސޯޓު ހިންގަމުންދާއިރު، ހދ. އަތޮޅުގައި ހިންގަމުން އަންނަނީ އެންމެ ރިސޯޓަކާއި ޓޫރިސްޓު ހޮޓަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހއ. ހދ. ށ. މި ތިން އަތޮޅުގައި ފްލައިޓް އޮޕަރޭޓްކުރާ ވަރަށް އަދިއެއް ނެތް ރިސޯޓްތަކެއް. އެހެންވީމަ މިހާރު ވެސް އެހިސާބުތަކުގެ ރިސޯޓުތަކަށް ގިނައިން މީހުންދަނީ މާލެ އައިސް ސީޕްލޭންގައި ނޫނީ ޑޮމެސްޓިކްގައި
މިނިސްޓަރ ޠާރިޤު
މިނިސްޓަރ އިތުރަށް ވިދާޅުވީ، ހއ. ހދ. އަދި ތ. އަތޮޅުގައި އިތުރު ރިސޯޓްތައް ތަރައްޤީ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި ރިސޯޓް ތަރައްޤީ ކުރާ ފަރާތްތަކުން ޝައުޤުވެރިވާނެ ލުއިތަކާއެކު އެ ސަރަހައްދުތަކުގައި އިތުރު ރިސޯޓްތައް ތަރައްޤީ ކުރުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، 17 އަހަރު ކުރިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ހަވާލުކުރި ހދ. ނާގޯށީގައި އިމާރާތް ކުރުމުގެ ހުއްދަ މިހާރު ދޫކޮށްފައިވާ ކަމަށާއި، އެމްޓީޑީސީން އެރަށް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ވެސް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓަރ ޠާރިޤު ހާމަކުރެއްވިއެވެ.
ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަނީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.