ޚަބަރު
ސޯޯޝަލް ހައުސިންގ ކުއްޔަށް ދިނުން މަނާކުރުމަށް ސަރުކާރުން ބިލެއް ހުށަހަޅައިފި

ހުޅުމާލޭ ސޯޝަލް ހައުސިންގ ފޮޓޯ:މޯލްޑިވްސް ފައިނޭންޝަލް ރިވިއު
ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގ ސްކީމްތަކުގެ ދަށުން ލިބޭ ތަންތަން ކުއްޔަށް ދިނުން ޤާނޫނީ ގޮތުން މަނާކުރުމަށް ސަރުކާރުން ހުށަހަޅައިފި އެވެ. މިކަމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބިލަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ ބަހުސްކުރައްވާފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ޖަވާބުދާރީކުރުވަނިވި ބޯހިޔާވަހިކަމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅޭނެ ތަންތަން ހޯދޭނެ މަގުފަހިކޮށްދީ، ދެމެހެއްޓެނިވި މުޖުތަމައެއް ބިނާކުރުމެވެ.
ބިލުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކާއި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް މަގުފަހިކުރުން
- މާލީ ތަނަވަސްކަން ކުޑަ، ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް އާއިލާތަކަށް އިސްކަންދިނުން
- ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ މިންގަނޑުތައް ކަނޑައެޅުން
- ބޯހިޔާވަހިކަން ފޯރުކޮށްދޭ ފަރާތްތައް ޖަވާބުދާރީކުރުވޭނެ ނިޒާމެއް ޤާއިމުކުރުން
މީގެއިތުރުން، ބިލުގައި ވަނީ ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ތަނެއް ބޭނުންކުރަން ޖެހޭނީ އެތަން ހަވާލުކުރެވޭ ފަރާތުން ކަމަށާއި، އެފަދަ ތަނެއް ކުއްޔަށް ދިނުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައެވެ. އަދި ހައުސިންގ ޔުނިޓެއް ދައުލަތް ފިޔަވައި އެހެން މީހެއްގެ ނަމުގެ ދަށަށް ބަދަލުކުރެވޭނީ، އެ ތަނަށް ކަނޑައަޅާފައިވާ އަގު ފުރިހަމައަށް އަދާކޮށް ނިމުމުންނެވެ.
ބިލުގައި އަދި ހިމެނެނީ ހައުސިންގ ފަންޑެއް ޤާއިމުކުރުމާއި، މި ފަންޑު ބޭނުންކުރާނެ ގޮތްތަކެވެ. މި ފަންޑުގެ މަޤްޞަދަކީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް އަމާޒުކޮށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް މަގުފަހިކުރުމާއި، މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ހައުސިންގ ލޯނު ދޫކުރުމެވެ.