ޚަބަރު
ރާއްޖޭގައި ހުރި ނުރައްކާތެރި ކެމިކަލްތައް ދެނެގަތުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކެމިކަލްތައް ދެނެގަނެ އެ ތަކެތި މެނޭޖްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ރާއްޖޭގައި ހުރި ނުރައްކާތެރި ކެމިކަލްތައް ދެނެގަނެ އެ ތަކެތި މެނޭޖްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ކަމާގުޅޭ އިދާރާތަކާއެކު ބާއްވައިފިއެވެ. މި ބައްދަލުވުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސްގެ ދަށުން ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން އަޕްޑޭޓްކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މި މަސައްކަތު ބައްދަލުވުމުގައި 15 އިދާރާއަކުން 25 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭންގެ ކޯޑިނޭޓަރ ފާތިމަތު ފައިރޫޒާ ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މަޤްޞަދަކީ 2017 ގައި ރާއްޖެއިން ތައްޔާރުކޮށްފައިވާ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން މުރާޖަޢާކުރުމެވެ.
ފައިރޫޒާ އިތުރަށް ވިދާޅުވި ގޮތުގައި ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް ނުވަތަ "ޕޮޕްސް" އަކީ މާޙައުލުގައި ގިނަ ޒަމާންތަކެއް ވަންދެން ދެމިހުންނަ ނުރައްކާތެރި ކެމިކަލްތަކެވެ. މި ކެމިކަލްތައް ނައްތާލުމަށް 2017 ގައި އެކުލަވާލެވުނު ތަންފީޒީ ޕްލޭނަށް ބިނާކޮށް، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީގެ ދަށުން މަޝްރޫޢުއެއް ފަށާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން 24 ޓަނުގެ "ޕޮޕްސް" ކެމިކަލެއް ކަމަށްވާ ޕޮލީކްލޮރިނޭޓަޑް ބައިފީނައިލް ހިމެނޭ އޮއިލް އަދި އިކުއިޕްމަންޓް ވަނީ ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ރާއްޖެއިން ބޭރުގެ ފެސިލިޓީއަކަށް ފޮނުވާފައެވެ. އަދި ހއ. ބާރަށުގެ ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ޚާއްޞަ ތަނެއް ޤާއިމްކޮށް، އެ ތަން ވަނީ ޞިއްޙީ ވުޒާރާއާ ޙަވާލުކޮށްފައެވެ.
ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މުރާޖަޢާކުރަން ފަށާ ޕްލޭނުން ރާއްޖޭގައި ހުރި ނުރައްކާތެރި ކެމިކަލްތައް ދެނެގަނެ، އެ ތަކެތި މެނޭޖްކުރާނެ ގޮތްތައް ފާހަގަކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގައި ކެމިކަލް މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި ބައްދަލުވުމުގެ އިތުރު ތަފްސީލުތަކުގެ ތެރޭގައި، ނެޝަނަލް ހެލްތު ލެބޯޓަރީގެ މަސައްކަތްތައް ހަރުދަނާކުރުމަށް "ހެވީ މެޓަލް" ކެމިކަލް ޓެސްޓުކުރުމަށް މެޝިނެއް ފޯރުކޮށްދިނުމަށް ޞިއްޙީ ވުޒާރާއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ބޭނުންކުރެވޭ އަދި ގެންގުޅެވޭ ނުރައްކާތެރި ކެމިކަލްތަކުގެ ވައްތަރުތައް ދެނެގަތުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމާއި ނައްތާލުްތާލުމުގެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި މި ކަންކަމާ ގުޅޭގޮތުން ޢާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވުނެވެ.
ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުގެ ތެރޭގައި ތިމާވެއްޓާބެހޭ ވުޒާރާގެ އިތުރުން، ޞިއްޙަތާބެހޭ ވުޒާރާ، ދަނޑުވެރިކަމާބެހޭ ވުޒާރާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އެހެނިހެން ކަމާގުޅޭ މުއައްސަސާތައް ހިމެނެއެވެ.