ޚަބަރު
މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް 2.79 ބިލިއަން، މިދިޔައަހަރާ އަޅާބަލާއިރު 0.36 އިންސައްތަ ދަށް

މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާ ފޮޓޯ: މޯލްޑިވްސް ފައިނެންޝަލް ރިވިއު
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް 2.79 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.36 އިންސައްތަ ދަށް އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެ ގޮތުގައި ޖުމްލަ 2.76 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވާ 2.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 0.36 އިންސައްތަ ދަށް އަދަދެކެވެ.
ސަބްސިޑީއަށް ކޮށްފައިވާ ޚަރަދު ދަށްވެފައިވީ ނަމަވެސް، އާސަންދައަށް ކޮށްފައިވާ ޚަރަދު ވަނީ އިތުރުވެފައެވެ. މިގޮތުން އަހަރުގެ މިހާތަނަށް އާސަންދައަށް 670.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 554 މިލިޔަން ރުފިޔާގައެވެ. މިއީ 21 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން ވިދާޅުވެފައިވަނީ، ސަބްސިޑީއަށް ކުރި ޚަރަދު ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމުގެ ސަބަބުން، ތެޔޮ އެތެރެކުރަން ދޭ ސަބްސިޑީއަށް ކުރި ހޭދަ ދަށްވުމުން ކަމަށެވެ.
މީގެ އިތުރުން، ކައުންސިލްތަކަށް ދޭ ގްރާންޓްވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.5 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލްތަކަށް ދޭ ގްރާންޓުގެ ގޮތުގައި 563.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް 537.8 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މާލީ ވުޒާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 އިންސައްތަ، 17 އެޕްރީލް 2025ގެ ނިޔަލަށް ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.4 އިންސައްތަ އިތުރު އަދަދެކެވެ.