ދުނިޔެ

އިންޑިއާގެ ޕަހަލްގާމް ރިސޯޓް ސަރަހައްދުގައި ދިން ޓެރެރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވެއްޖެ

އިންޑިއާގެ ޕަހަލްގާމް ރިސޯޓް ސަރަހައްދުގައި ދިން ޓެރެރިސްޓް ހަމަލާއެއްގައި 26 މީހުން މަރުވެއްޖެ

އިންޑިއާގެ ޕަހަލްގާމް ރިސޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 02:55

23 އޭޕްރީލު 2025، 02:55

އަންގާރަ ދުވަހު ގާތްގަނޑަކަށް މެންދުރުފަހު 3 ގެ ވަގުތެއްގައި ޖަމްމޫ އަދި ކަޝްމީރުގެ ޕަހަލްގާމް ރިސޯޓް ސަރަހައްދާ ކައިރީގައިވާ ބައިސަރަން ކިޔާ މަޝްހޫރު  ސަރަހައްދަކަށް ޓެރަރިސްޓުން ދިން ހަމަލާއެއްގައި 26 މީހުން މަރުވެއްޖެއެވެ. މި ހަމަލާގައި އިންޑިއަން ނޭވީގެ އޮފިސަރަކާއި އިންޓެލިޖެންސް ބިއުރޯގެ މުވައްޒަފަކުވެސް މަރުވެފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ އެތަނުގެ ރީތިކަމުގެ ސަބަބުން "މިނީ ސުވިޓްޒަލޭންޑް" ގެ ނަމުން މަޝްހޫރުވެފައިވާ ބައިސަރަންގައެވެ. މިތަނަކީ ޕަހަލްގާމުން ގާތްގަނޑަކަށް 6 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. މިއީ ޚާއްޞަކޮށް ފިނިމޫސުމާއި ހޫނުމޫސުމުގައި އިންޑިއާގެ އެކި ކަންކޮޅުތަކުންނާއި ބޭރު ޤައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރާ މަޝްހޫރު ތަނެކެވެ.

މި ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ފަތުރުވެރިންނަކީ އަސްދުއްވުމުގައާއި، ޕިކްނިކް ހެދުމުގައާއި، މަގުމަތީގައި ހުންނަ ކެއުންބުއިމުގެ ތަންތަނުގައި ތިބި މީހުންނެވެ. ހެކިންގެ ބަހުން އެނގޭ ގޮތުގައި އެމީހުންނަށް އަޑުއިވިފައިވަނީ ގިނަ ވަގުތުތަކެއް ވަންދެން ބަޑިޖަހާ އަޑެވެ. އޭގެ ފަހުން ފެނިފައިވަނީ ބިރުވެރި މަންޒަރުތަކެކެވެ.

ސަލާމަތްވި މީހުންގެ ބަހުން އެނގޭ ގޮތުގައި ހަމަލާދިން މީހުން ވަނީ ހަމަލާދިނުމުގެ ކުރިން އެމީހުންގެ ނަންތައް އަހާފައެވެ. އެއް އަންހެނަކު ޕީޓީއައި ނިއުސް އޭޖެންސީއަށް މައުލޫމާތު ދިންގޮތުގައި އޭނާގެ ފިރިމީހާގެ ބޮލަށް ވަނީ ބަޑިޖަހާފައެވެ. އަދި އެތާ ކައިރީގައި އިތުރު 7 މީހުން ވަނީ ޒަޚަމްވެފައެވެ. ޕަހަލްގާމުން ފެންނަ މަންޒަރުތަކުގައި ވަނީ ބިންމައްޗަށް ޒަހަމްވެގެން ވެއްޓިފައިވާ މީހުންގެ ހަށިގަނޑުތަކާއި އެމީހުންގެ ގެ ގާތްތިމާގެ މީހުން އެހީއަށް އެދި ހަޅޭއްލަވާ މަންޒަރުތަކެވެ.

މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާނުގައި  ޓެރަރިސްޓް ގްރޫޕް ލަޝްކަރެ-ތައިބާގެ ޕްރޮކްސީއެއް ކަމަށްވާ ދަ ރެސިސްޓަންސް ފްރަންޓް (ޓީއާރްއެފް) އިންނެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS