ޚަބަރު
ގޫގުލް ޑޫޑުލްގައި ރާއްޖޭގެ ރަށެއްގެ ފޮޓޯ

ގޫގުލްގެ ޑޫޑުލް ފޮޓޯ: ގޫގުލް
2025 ވަނަ އަހަރުގެ އަރތް ޑޭ ފާހަގަކުރުމުގެ ގޮތުން ގޫގުލްއިން ވަނީ ޚާއްޞަ ޑޫޑުލްއެއް ތައްޔާރުކޮށްފައެވެ. މި ޑޫޑުލްގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ސެޓެލައިޓް މަންޒަރުތައް ހިމަނާފައިވާއިރު، ރާއްޖޭގެ ރަށެއްގެ މަންޒަރުވެސް ހިމަނާފައިވެއެވެ.
ގޫގުލްގެ ނަމުގައި ހިމެނޭ އަކުރުތައް ތަމްސީލުކުރުމަށް ބޭނުންކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން ފުރަތަމަ "ޖީ" އަކުރު ތަމްސީލުކުރަނީ ރާއްޖޭގެ މަންޒަރެކެވެ. މި ފޮޓޯގައި ފެންނަނީ ރާއްޖޭގެ މޫދުގެ ސާފު ފެހިކުލައާއި، މުރަކަތަކުން އުފެދިފައިވާ ރަށްތަކުގެ މަންޒަރެވެ. މި މަންޒަރު ހިމަނާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކަލަށް އަލިއަޅުވާލުމަށްޓަކައެވެ.
މިއަހަރުގެ އަރތް ޑޭގެ ޝިޢާރަކީ "އަވަރ ޕަވަރ ، އަވަރ ޕްލެނެޓް" އެވެ. މި ޝިޢާރުގެ މަޤްޞަދަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މުހިންމުކަމާއި، ތިމާވެށި ހިމާޔަތްކުރުމަށް އިންސާނުން އަދާކުރަންޖެހޭ ދައުރު ފާހަގަކުރުމެވެ.
ގޫގުލްގެ މި ޑޫޑުލްގައި ރާއްޖޭގެ އިތުރުން ފްރާންސްގެ އާލްޕްސް ފަރުބަދަ، ކެނެޑާގެ ސެއިންޓް ލޯރެންސް ކޯރު، އާޖެންޓީނާގެ އެންޑީސް ފަރުބަދަ، އެމެރިކާގެ ޔޫޓާ ސްޓޭޓްގެ ކެންޔަންތައް އަދި އޮސްޓްރޭލިއާގެ ހޫނު ސަރަޙައްދުތަކުގެ މަންޒަރުތައް ހިމަނާފައިވެއެވެ.
އަރތް ޑޭއަކީ ކޮންމެ އަހަރެއްގެ އޭޕްރީލް 22 ގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މިއީ ދުނިޔޭގެ 190 އަށަށްވުރެ ގިނަ ޤައުމުގައި ފާހަގަކުރާ ދުވަހެކެވެ.
ގޫގުލްގެ މި ޑޫޑުލްއިން ދައްކުވައިދެނީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކެވެ. އަދި މި ކަންކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަން ހާމަކޮށްދެއެވެ.