Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގެ އޭގެ އެންމެ ބޮޑު އަސްކަރީ އުޅަނދު "ހުރަވީ" މަރާމާތަށްފަހު އެނބުރި ރާއްޖެ އަންނަނީ

ރާއްޖޭގެ އޭގެ އެންމެ ބޮޑު އަސްކަރީ އުޅަނދު "ހުރަވީ" މަރާމާތަށްފަހު އެނބުރި ރާއްޖެ އަންނަނީ

"ހުރަވީ" މަރާމާތަށްފަހު އެނބުރި ރާއްޖެ އަންނަނީ ފޮޓޯ:އިންޑިއަން ނޭވީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 07:05

22 އޭޕްރީލު 2025، 07:05

ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ޝިޕް ހުރަވީ" މަރާމާތަށް އިންޑިއާގައި ހަތަރު މަސްދުވަހު އޮތުމަށް ފަހު އެނބުރި ރާއްޖެ އައުމަށް އިއްޔެ ފުރައިފި އެވެ.

މި އުޅަނދަކީ 2006 ވަނަ އަހަރު އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރުގެ ބަދަލުގައި 2023 ވަނަ އަހަރު ހަދިޔާކުރި އައު މަނަވަރެކެވެ. ކުރީގެ "ހުރަވީ" އަށް ވުރެ ބޮޑު އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރު މި އުޅަނދު، މަރާމާތަށް އިންޑިއާއަށް ފޮނުވި މިއީ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޭވީން ފޭސްބުކްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުމްބާއީގެ ނޭވަލް ޑޮކްޔާޑުގައި ދިވެހި ކޯސްޓްގާޑުގެ އުޅަނދު "ހުރަވީ" ފުރަތަމަ ފަހަރަށް މަރާމާތުކުރުމަށް ފަހު އެނބުރި ރާއްޖެ އައުމަށް ފުރާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު މަރާމާތަށް ގެންދިޔަ އެ އުޅަނދުގެ ހުރިހާ މެޝިނަރީތަކާއި ހަތިޔާރުތަކާއި ސެންސަރުތައް މަރާމާތުކޮށް، އުޅަނދުގެ އެހެން ބައިތައް ވެސް ވަރަށް ރަނގަޅަށް މަރާމާތުކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، އެ އުޅަނދު މަރާމާތުކުރުމަށް ފަހުގައި ބަނދަރާއި ކަނޑުމަތީގައި ޓެސްޓުތައްކޮށް، އިކުއިޕްމަންޓްތަކުގެ އޮޕަރޭޝަނަލް ޗެކްތަކާއި ސަލާމަތީ އޮޑިޓްތައް އަދި އޮޕަރޭޝަނަލް ސީ ޓްރޭނިން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގެ ނޭވީން ބުނެފައިވެއެވެ.

"އެމްއެންޑީއެފް ހުރަވީ ކާމިޔާބުކަމާ އެކު މަރާމާތުކުރެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ހާރިޖީ އަދި ދިފާއީ ގުޅުން ފާހަގަކޮށްދޭ ކަމެއް. އަދި މި ސަރަހައްދުގައި އިންޑިއާއަކީ އިތުބާރު ހިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ހުރުމުގެ އަޒުމް އަލުން ކަށަވަރުކޮށްދިން ކަމެއް،" އިންޑިއާގެ ނޭވީން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ކުރީގެ "ހުރަވީ"ގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިން އާ މަނަވަރު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މެއި 2، 2023 ގައެވެ. އެ އުޅަނދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންހް އޭރު ރާއްޖެ ވަޑައިގެންނެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS