ޚަބަރު
މަސްޖިދުއްނަބަވީގެ އިމާމު މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ އަށް ބައްދަލުކުރައްވައިފި

އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ޢަދި ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދު
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއި ބައްދަލު ކުރައްވައިފި އެވެ.
ރަސްމީ ދަތުރުފުޅެއްގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދަޢުވަތުގައި ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މިއަދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންކަން ފާހަގަކޮށްލެވެއެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު އާއި ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދު ބައްދަލުކުރެއްވުމުގައި، ދެ ޢިލްމުވެރިން ވަނީ އިސްލާމީ ޢިލްމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ކުރިއެރުން ހޯދައިދިނުމާއި، ދެ ޤައުމުގެ ދީނީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދު ވިދާޅުވީ، މަދީނާ އިސްލާމީ ޔުނިވަރސިޓީން ތަޢުލީމު ޙާޞިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާގެ ހައިސިއްޔަތުން، މަސްޖިދުއްނަބަވީގެ އިމާމާ ބައްދަލުކުރެއްވުމަކީ ވަރަށް އުފާވެރި ކަމެއް ކަމުގައެވެ.
ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅުގައި އިތުރު ގިނަ ޙަރަކާތްތަކެއް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ. މީގެ ތެރޭގައި ދީނީ ދަރުސްތަކާއި، ޢިލްމީ ބައްދަލުވުންތައް ހިމެނެއެވެ.