ޚަބަރު
މަސްޖިދުއްނަބަވީގެ އިމާމު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުން
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޞަލާޙުލް ބުދައިރު، މިއަދު ހެނދުނު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެ ވުޒާރާގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވުޒާރާގެ މަސައްކަތްތަކާއި، ވުޒާރާގެ ދަށުން މަސައްކަތްކުރާ އެކި އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ޝައިޚް ޞަލާޙުލް ބުދައިރަށް އަރުވާފައެވެ.
ޝައިޚް ޞަލާޙުލް ބުދައިރުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެރުވި ދަޢުވަތެއްގެ މަތިން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން، ޝައިޚް ޞަލާޙުލް ބުދައިރު ވަނީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާވެސް ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި އިސްލާމީ ކަންތައްތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.