Ads by Aqeeqa Maldives

ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ ކުއްޖެއްގެ ބަޔާން ކޯޓުގައި އިއްވައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ ކުއްޖެއްގެ ބަޔާން ކޯޓުގައި އިއްވައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 04:53

22 އޭޕްރީލު 2025، 04:53

ރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ޖިންސީ އަނިޔާގެ ޝިކާރައަކަށްވީ ކުއްޖެއްގެ ފަރާތުން "ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް" އެއް ހުށަހަޅައި އިއްވައިފިއެވެ. މި ތާރީޚީ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބަޔާނުގައި ކުއްޖާ ބަޔާންކޮށްފައިވަނީ 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް، 10 އަހަރު ވަންދެން އެކި ފަހަރު މަތިން ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ކުރި އަސަރުތަކެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކެވެ.

މި މައްސަލައިގައި ކުށްވެރިޔާގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރަށް ޖަލަށްލުމަށް މިދިޔަ ހޯމަ ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމްކުރައްވާފައެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ޖިނާއީ މައްސަލަތަކުގައި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

"ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް" އަކީ ކުށެއްގެ ސަބަބުން ތަޙައްމަލުކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް އަނިޔާ ލިބުނު ފަރާތުން ހުށަހަޅާ ބަޔާނެކެވެ. މިފަދަ ބަޔާނެއް ހުށަހެޅުމަކީ އަނިޔާ ލިބޭ ފަރާތް ބާރުވެރިކޮށް، އެ ފަރާތްތަކަށް ތަސައްލީ ހޯދައިދިނުމަށްޓަކައި މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއްވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް ވިދާޅުވީ، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަނިޔާ ލިބޭ ފަރާތްތަކަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އޭނާގެ ބަސް އިއްވުމުގެ ފުރުޞަތު ދެއްވި ކަމަށްޓަކައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ޝުކުރު އަދާކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS