ޚަބަރު
ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތާމެދު ފަޚުރުވެރިވާންޖެހޭ: ރައީސް މުޢިއްޒު

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކޮށް، ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރޭގަ ބޭއްވުނު ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިނިވަންކަމާއެކު ރާއްޖެ މިހާހިސާބަށް އައިސްފައި މިވަނީ ދިވެހި ސިފައިން ބޮޑެތި ގުރުބާނީތަކެއްވެގެންކަމަށެވެ. އެގޮތުން ރާއްޖެއަށް އެކިއެކި ފަހަރުމަތިން ކުރިމަތިވި އުދުވާނީ ނުރައްކާތަކުން އަދި އެކި ހާދިސާތަކުގެ ހާލަތްތަކުގައި އާއި، އަދި ދިވެހި ރައްޔިތުން އެދުނު ކޮންމެ ކަމެއްގައިވެސް ދިވެހި ފަހުރުވެރިވެރި ލަޝްކަރު ވަނީ ވަރުގަދަ މަސައްކަތްތަކެއްކޮށްފައިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި ސިފައިންގެ މުހިއްމު ދައުރު ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީޅުވީ އަސްކަރިއްޔާގެ ތަރައްޤީއާއި ޤާބިލްކަން އިތުރުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި މަސައްކަތްތަކެއް ކޮށްފައިނުވާއިރު، އެހާލަތަށް ދިޔައީ ކީއްވެތޯ ރައްޔިތުން ސުވާލުކުރަންޖެހޭކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވުމަށްފަހު އެންމެ އިސް ވާޖިބެއްކަމަށް ދެކެވަޑައިގެން މަސައްކަތްކުރައްވަނީ ދިވެހި ޤައުމުގެ މިނިވަންކަމާއިި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކޮށް، އަންނާން އޮތް ޖީލުތަކަށް ވާސިލުކޮށްދެއްވުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިންނަކީ ދިވެހި ސިފައިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް އައިއިރު މި ސަރުކާރުން އަސްކަރިއްޔާގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކޮށް، ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައިވާކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން އެ މަސައްކަތަށް ފާޑު ވިދާޅުވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް އަސްކަރިއްޔާއަށް އަންނަ ކުރިއެރުންތަކާމެދު ފަޚުރުވެރިވާންޖެހޭނެކަމަށެވެ.
ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީން ދިނުމާއި ސިފައިންގެ ބާރު ވަރުގަދަކުރުމާއި މިކަންކަމަކީ އަޅުގަނޑުމެން ފަހުރުވެރިވާންޖެހޭނޭ ކަންކަން، ސިފައިންނަށް އެކި ތަކެތި ހޯދައިދިނީމަ އެކަމާއި ލަދު ގަންނަންޏާ އެމީހެއްގެ އަމިއްލަ ނަފްސާއި އެބަޖެހޭ ސުވާލުކުރަން ތިމަންނާގެ ޤައުމީ ލޯބި އޮތީ ކިހާހިސާބެއްގައިތޯ
ރައީސުލްޖުމްހޫރިއްޔާ
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ އަސްކަރިއްޔާގެ ތަރައްޤީއަށް ކުރައްވާ މަސައްކަތް ފަޚުރުވެރިކަމާއެކު ކުރިއަށްގެންދަވާނެކަމަށާއި، އެއީ ވަށާޖެހިފައިވާ ސިޔާސަތެއްގެ ދަށުން ޤައުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށެވެ. އަދި އެ މަސައްކަތަށް ފާޑުކިޔައި، މަލާމާތްކޮށް ހަދާ ފަރާތްތަކުގެ ވިސްނުންތަކުން ޤައުމު ސަލާމަތްކުރުމަކީ ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސް ވެރިންނާއި، ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސިފައިންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ކުރިއަށް އޮތް ތަނުގައި ސިފައިންގެ ޤާބިލުކަން އިތުރަށް ރަނގަޅުކުރުމަށް ސަރުކާރުން ކުރައްވާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.