ޚަބަރު
ދިވެހި އަސްކަރިއްޔާ ޔުނިފައިޑް އާމްޑް ފޯސްއަކަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަސައްވުރު: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އާމީ، ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއަކަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ތަސައްވުރުކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ ފުން އަނދަވަޅެއްގައި ކަމަށާއި، އިޤްތިޞާދީ ކޮޅަށްޖެހުމުގެ މަސައްކަތާއެކު ފެއްޓެވި އަނެއް މަސައްކަތަކީ އަސްކަރިއްޔާ ތަރައްޤީކޮށް، ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. މިހާތަނަށް އައިއިރު އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށާއި، އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ތަސައްވުރު ހާސިލުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުގެ ތަސައްވުރަކީ މި މަސައްކަތް މިގޮތުގައި ކުރިއަށްގެންގޮސް ދުރު ނޫން މުސްތަޤްބަލެއްގައި ދިވެހި ސިފައިންގެ ތެރޭގައި އެއަރ ފޯސްއެއް އުފެދި، ނޭވީ އުފެދި އަދި އާމީވެސް އުފެދުން. އެހާހިސާބަށް އަސްކަރިއްޔާގެ ބާރު ވަރުގަދަކުރުމަށް މަސައްކަތްކުރާނަން
ރައީސުލްޖުމްހޫރިއްޔާ
ރާއްޖެއަކީ ހިކިފަސްތަން މަދު، އަދި ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމަކީ މިނިވަންކަމާމެދު ފަރުވާކުޑަކުރުމަށް އޮންނަ އުޒުރެއް ނޫންކަމަށާއި، އެއީ ފަޚުރުވެރިކަމާއެކު ކުރަންޖެހޭކަމެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ޤައުމުގެ އިޤްތިޞާދު މިނިވަންކަމާއެކީގައި ހިމާޔަތްކޮށް ވަރުގަދަކުރެވޭނީވެސް ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދީގެންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ޒަޢާމަތުގައި ސިފައިންގެއަށް ހުރިހާ ދާއިރާއަކުންވެސް ކުރިއެރުން ގެނެސްދެއްވާނެކަމަށެވެ. މީގެ ތެރޭގައި ތަމްރީންކުރާ ސިފައިން އިތުރުކުރުމަށް ތަމްރީންދޭ މަރުކަޒުތައް ބޮޑުކޮށް، އެތަންތަނުގެ ކެޕޭސިޓީވެސް އިތުރުކުރެއްވުން ހިމެނެއެވެ.