ޚަބަރު
މިވިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުން ސަރުކާރުގެ މިވީ މުއްދަތުގެ ތެރޭގައި ދަނީ ފެންނަމުން: ޗީފް އޮފް ޑިފެންސް ފޯސް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
މިވިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގެ މިވީ މުއްދަތުގެ ތެރޭގައި ފެންނަމުންދާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. ޗީފް އޮފް ޑިފެންސް މިހެން ވިދާޅުވީ 133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޗީފް އޮފް ޑިފެންސްގެ ވާހަކަފުޅު ފެއްޓެވީ ދިވެހި އަސްކަރިއްޔާއަކީ ފަޚުރުވެރި ޒަމާންވީ ތާރީޚެއް އޮތް ބައެއްކަން ހަނދާން އައުކުރައްވަމުންނެވެ. މާޒީން މިސާލު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، ދިވެހިންނާ ތޮޅެން އައި ކޮންމެ ބަޔަކާ ކުރިމަތިލައި ދިވެހި ސިފައިން ކާމިޔާބު ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހި ސިފައިންނަކީ މަޝްހޫރު ޗޯޅާއިންނާއި، 12ވަނަ ގަރުނުގައި ރާއްޖޭގެ ސަރަހައްދުގައި ހަނގުރާމަކޮށް އެމީހުންބަލިކޮށް ދިވެހިރާއްޖެއިން ފައްސާލި ހިތްވަރުގަދަ ބައެއްކަމަށެވެ.
ޙިލްމީ ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ސިފައިންގެ ޤާނޫނަށް އަމަލުކުރަމުން އައިނަމަވެސް އެ ޤާނޫނުގައި ބަޔާންކުރާ ވައިގެ ބާރު މިހާތަނަށް އުފައްދާފައި ނުވިނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސިފައިންގެ އެންމެ މަތީވެރިޔާ އެ ބާރުވެސް ސިފައިންގެތެރޭގައި އުފެއްދެވިކަމަށެވެ. އަދި ކަނޑުގެ ބާރާއި އެއްގަމުގެ ބާރު ވަރުގަދަކުރުމަށްވެސް އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، މިވިހާތަނަށް އަސްކަރިއްޔާ ނުދެކޭހާ ޤާބިލްކަން މިއަދު ދިވެހި އަސްކަރިއްޔާއިން ދެކެމުން އަންނަކަމަށެވެ. ޙިލްމީ ވިދާޅުވީ، މި ރިޔާސީ ދައުރުގައި ދިވެހި އަސްކަރިއްޔާ އެތަކެއް ގުނަ ވަރުގަދަވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ޤައުމުދެކެ ލޯބިވާ، ފަޚުރުވެރިވާ ޤައުމީ ލީޑަރެއްކަމަށްވެސް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންނަށް ސާބިތުކަމާއެކު މިހާތަނަށް އެ ތިބެވެނީ ސިފައިންގެ އާއިލާތަކުން ދެއްވާ އެހީއާއި އެއްބާރުލުމުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ސިފައިންގެ އާއިލާތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމުގެ މިނިވަންކަމާއި، އިސްލާމްދީނަށް ނަސްރު ހޯދުމަށް މަތިވެރި ގުރުބާނީތަކެއް ފާއިތުވިތަނުގައިވެސް ވެފައިވާ ސިފައިން، މިއަދުވެސް އެ ސާބިތުކަމާއެކު ތިބިކަން ފާހަގަކުރެއްވިއެވެ.
"ކުރިމަތިވާ ކޮންމެ ކާރިސާއެއްގައިވެސް ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަކީ ޚިދުމަތުގައި އަމިއްލަ ނަފްސުގެ ކުރިއަށް ޤައުމު އިސްކުރާބައެއް" ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ޙިލްމީ އިތުރަށް ވިދާޅުވީޅުވީ، ދިވެހި ސިފައިންނަކީ ޤާނޫނު އަސާސީން މަތިކޮށްފައިވާ ދިވެހި ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހީން ހިމާޔަތްކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި ދެމިތިބި ބައެއްކަމަށެވެ. އަދި މާޒީގައި ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލުމަށް އައި ކޮންމެ ބަޔަކާ ކުރިމަތިލައި، ލަޝްކަރު ވަރުގަދަވެގެންދިޔަކަންވެސް ހަނދާންކޮށްދެއްވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދިވެހި އަސްކަރިއްޔާ ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިމަގުގައިވެސް ދިވެހި އަސްކަރިއްޔާއިން ޤައުމަޤައުމަށް ފަޚުރުވެރިވާފަދަ ޚިދުމަތްތަކެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.