ޚަބަރު
އެމެރިކާގެ ޓެރިފް ސިޔާސަތުން ރާއްޖޭގެ މަސްވެރިކަމަށް އަސަރެއް ނުކުރާނެ: ވަޒީރު ސަޢީދު

އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ވުޒާރާ
އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކަށް އަސަރު ނުކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް އަސަރެއްކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޓެރިފް އެހެން ޤައުމުތަކާ އަޅާބަލާއިރު ކުޑަކަމަށެވެ.
"ރާއްޖެއިން މި އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތައް، ދެން އަޅުގަނޑުމެންގެ ވާދަވެރި އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ރޭޓު ކުޑަ، އެމެރިކާގެ ޓެރިފްއާއި ގުޅިގެން ރާއްޖެއަށް އޭގެ ސީދާ އަސަރެއް ކުރާނެކަމަކަށް ނުބެލެވޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން އަޅާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެއްދުތައް ލިބެން ހުންނަ މިންވަރަށް އަސާރުކުރާނެކަމަށެވެ. އޭގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ގާތްވާކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޤްތިޞާދަށް އަންނަ އަސަރުތައް ކުޑަކުރުމަށް، ސަރުކާރުންވެސް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޗައިނާއާއި އެކުވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ތުރުކީއާއި އެކުވެފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމަންޓް އެކުލަވާލުމަކީވެސް އެފަދައިން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިވަގުތު ދުނިޔޭގެ ޙާލަތަށް އަންނަމުންދާ ބަދަލާއެކުވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދަށްވުމެއް ފާހަގަވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއަހަރު ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ހާސިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.