ޚަބަރު
ރާއްޖޭގެ ދެމެހެއްޓެނިވި ކުރިއެރުމަށް އީޖާދީ ވިސްނުން އިސްކުރުމަށް ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ކުރިއެރުމަށް އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަންދޭ ރާއްޖެއެއް ބިނާކުރުމަށް އަމާޒު ހިފަންޖެހޭ ކަމަށެވެ. އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރާނެ ކަމަށާއި، ކޮންމެ އުފެއްދުންތެރިއެއް ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ހިއްސާދާރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
On this World Creativity and Innovation Day, let us aim to build a Maldives where every child has the opportunity to fulfil their dreams, every artist can thrive vibrantly, and every creator can contribute to shape a promising future. Let creativity and innovation propel the… pic.twitter.com/60YhIixsZd
— Dr Mohamed Muizzu (@MMuizzu) April 21, 2025
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކޮށް، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ފާހަގަކުރެވެއެވެ. މިގޮތުން ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ޕޭޕަލް ފަދަ ޚިދުމަތްތައް ތަޢާރަފްކުރުމަށް މަޝްވަރާކުރެވި، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން އާމްދަނީ ލިބޭނެ ގޮތްތައް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންލައިންކޮށް އެކި އުފެއްދުންތެރިން ތިބިކަމަށާއި، މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަކީ އާމްދަނީ ހޯދޭނެ ވަސީލަތްތަކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށްވާ ކްރިއޭޓަރ އިކޮނޮމީއެއް ޤާއިމްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މާހައުލު ކުރިއަރުވައި، ޒުވާނުންނަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެކެވެ.