ޚަބަރު
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ އުޞޫލަށް ލުއިކަމެއް ގެނެއްސި

ވަޒީރު އަބްދުﷲ މުއްޠަލިބް ފޮޓޯ:ސަން
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގެ އުޞޫލަށް މުހިންމު ބަދަލެއް ގެނެވިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާ ވަޒީރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީއެވެ. އެހެން ނަމަވެސް މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ މާލޭގެ ވަރަށް ގިނަ ފަރާތްތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން…
— Abdulla Muththalib (@muththo) April 21, 2025
ވަޒީރު މުއްތަލިބް ވިދާޅުވި ގޮތުގައި، މި ސްކީމަށް ހުށަހެޅުމުގައި ކުރިން ކަނޑައަޅާފައި އޮތީ ބޭންކުތަކުން ބޭނުންވާތީ ފާސްކޮށްފައިވާ ކުރެހުން ހުށަހެޅުމަށެވެ. ނަމަވެސް، މާލޭގެ ގިނަ ރައްޔިތުން މާލޭ ސިޓީ ކައުންސިލުން ކުރެހުން ފާސްކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާތީ، މި އުޞޫލަށް ބަދަލު ގެނެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
"މިހާރު އަޅުގަނޑުމެން ނިންމާފައި މިވަނީ، ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް، އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާ ކުރެހުން ހުށަހެޅޭ ގޮތަށް އުޞޫލު ބަދަލުކުރަން،" ވަޒީރު މުއްތަލިބް
މީގެ އިތުރުން، އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ކައުންސިލުން ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހިޔާވެހި ފައިނޭންސިން"އަކީ މާލީ އެކި ސަބަބުތަކުގެ ސަބަބުން މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ޙައްލެއް ގެނެސްދިނުމަށް ސަރުކާރުން އިފްތިތާހުކުރައްވާފައިވާ ޕްރޮގްރާމެކެވެ.
ހިޔާވެހި ފައިނޭންސިން ދަށުން މާލީ އެހީތެރިކަން ހޯދަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އަދި އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލްމަހު 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި އޮތްނަމަވެސް، ސަރުކާރުން މިހާރު ވަނީ އެ މުއްދަަތު އިތުރުކުރައްވާފައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ ހިޔާވެހި ފައިނޭންސިން ދަށުން މާލީ އެހީތެރިކަން ހޯދަން ހުށަހެޅުމުގެ ފުރުސަތު އޭޕްރީލްމަހުގެ 30 ވާ ބުދަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް އިތުރުކުރައްވާފައިވާކަމަށެެވެ.
ބޯހިޔާވަހިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްގެކެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނަ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.