ދުނިޔެ
ޢައްޒާގައި ކާބޯތަކެތި ނެތިގެން ބައެއް ކުދިންނަށް ކަހަނބު މަސް ކާންދީފި

ޢައްޒާގައި ކުދިން ބަނޑުހައި ހޫނުކަމުގައި ފޮޓޯ:އިންޓަނެޓް
ޢައްޒާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ވަނީ ނުރައްކާތެރި ހިސާބަކަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އާއިލާތަކަށް ދަރިންނަށް ކާންދިނުމަށް ކަހަނބު މަސް ކައްކަން މަޖުބޫރުވެފައިވާކަމަށް 61 އަހަރުގެ ފަލަސްތީނު އަންހެނެއް ކަމަށްވާ ކަނާން ބުނެފައިވެއެވެ.
އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ގެދޮރު ގެއްލުނު ކަނާން މިހާރު ދިރިއުޅެމުންދަނީ ޚާން ޔޫނިސްގައި ޓެންޓެއްގައެވެ. އޭނާ ބޭރުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޓެންޓުގައި އަލިފާން ރޯކޮށްގެން ކަހަނބު މަސް ކައްކާފައިވާ ކަމަށެވެ. "ކުދިން މިކެއުމަށް ބިރުގަތް. އެކަމަކު އަހަރެމެން އެކުދިންގާތު ބުނިން މަހުގެ ރަހަ ހުންނާނެ ކަމަށް،" އޭނާ ބުނިއެވެ. "ބައެއް ކުދިން މިކެއުން ކެއި، އަނެއްބައި ކުދިން ނުކާ."
ހަނގުރާމައިގެ ސަބަބުން ގާޒާގައި މިވަގުތު ވަނީ ނުރައްކާތެރި ކާބޯތަކެތީގެ ހާލަތެއް ކުރިމަތިވެފައެވެ. އައިޕީސީ (އިންޓެގްރޭޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން) އިން ބުނާ ގޮތުގައި ގާޒާގެ އާބާދީގެ ދެެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ވަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިފައެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ގާޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ހާލަތަކީ ސީރިއަސް އިންޒާރެއް ކަމުގައި ބުނެފައެވެ. އައިޕީސީ އިން ވަނީ ފާއިތުވި މަހު ދިން އިންޒާރުގައި ހާމަކޮށްފައިވަނީ، މިހާލަތު ބަދަލުނުވެއްޖެނަމަ މޭ މަހާ ހަމައަށް ގާޒާގެ ހުރިހާ ރައްޔިތުން ބަނޑުހައިހޫނުކަމާ ކުރިމަތިލާންޖެހިދާނެ ކަމަށެވެ.