ޚަބަރު
ޕެންޝަން ނިޒާމު އިސްލާހުކުރަންވާނީ މިހާރު ލިބޭ މިންވަރު މަދުނުވާ ގޮތަށް: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި ސިވިލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ޕެންޝަނާ ގުޅިގެން ހުރި މައްސަލަތައް ހައްލުކުރަންވާނީ މިހާރު ލިބޭވަރު މަދުނުވާ ގޮތަށް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.
ސުޖާތާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ރާއްޖޭގައި ޕެންޝަން ދިނުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މަޖިލީހުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މިހާރުގެ އެކްސްޕެކްޓޭޝަންވެސް ކޮންމެވެސް ވަރަކަށް މީޓް ކުރެވޭ މިޑްލް ގްރައުންޑެއްގައި އަޅުގަނޑުމެން އެޓްލީސްޓް މަސައްކަތް ކުރުން ވަރަށް މުހިންމު. އެބަޔަކަށް ލިބެމުންދާ އެއްޗެއް ހުއްޓުން ނޫނިއްޔާމުން އެ އެކްސްޕެކްޓޭޝަނަށްވުރެ މާ މާދުވެގެންދިއުމަކީ އެހާ އެދެވޭގޮތަކަށް ނުވާނެ ރީފޯމެއް ގެންނައިރަކު
ސުޖާތާ
ޕެންޝަން އޮފީހުގެ ސީއީއޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ބޭސިކް ޕެންޝަނަށް މަހަކު 100 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި މިހާރު 65 އަހަރުން މަތީގެ އާބާދީ 4 އިންސައްތަ ހުރިއިރު އެ އަދަދު 2030 އާ ހަމައަށް 7 އިންސައްތައަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މީގެ ސަބަބުންވެސް ޕެންޝަނަށް ކުރަންޖެހޭ ޚަރަދު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސުޖާތާ ވިދާޅުވީ ޕެންޝަން ގާނޫނުގެ ބޭރުން ހިންގާ ސްކީމުތަކުގެ ސަބަބުން ޚަރަދުތައް ބޮޑުވެ، ތަފާތުކުރުން ބޮޑުވެފައިވާ ނިޒާމެއް އުފެދިފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ކޮންޓްރިބިއުޓް ކުރެވޭ ނިޒާމެއް ޕެންޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާއިރު އޭގެ ބޭރުން ކޮންޓްރިބިއުޝަނަކާ ނުލައި ދޭ ޑިފައިންޑް ބެނިފިޓްގެ ސަބަބުން، އެ ޤާނޫނުގެ ތެރެއިން ހިންގާ ސްކީމުގައި ބައިވެރިވާން ބޭނުންވާ މީހުން މަދުވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން، ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ދަށުން ލިބިދޭ ޕެންޝަން އިނާޔަތުގެ ބޭރުން ފޯރުކޮށްދޭ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް… pic.twitter.com/88fQz0zHZs
— People's Majlis (@mvpeoplesmajlis) April 21, 2025
މި ބައްދަލުވުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ޕެންޝަނާ ގުޅޭ ކަންކަން ވަކިވަކި އޮފީސްތަކުން ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށެވެ. ޕެންޝަނާ ގުޅޭ ހުރިހާ ކަމެއް ޕެންޝަން އޮފީހަށް ބަދަލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.
ނާސިހު ހާމަކުރެއްވި ގޮތުގައި 2008 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 5,336 މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހަމަޖައްސައިދީފައެވެ. މީގެ ތެރެއިން 55 އަހަރުވެގެން މުސްކުޅި ކުރެވުނު 1,612 މީހުންނާއި 65 އަހަރުވެގެން މުސްކުޅި ކުރެވުނު 3,724 މީހުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ފާއިތުވި 13 އަހަރުތެރޭ ޕެންޝަނަށް 2.96 ބިލިއިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޑަބަލް ޕެންޝަންގެ މައްސަލަ ހައްލްލުކުރަން ރައްޔިތުންގެ މަޖިލީހުން އިސްނަގައިގެން މަސައްކަތް ފަށަން ވެއްޖެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޤާނޫނަށް ބަދަލު ގެންނައިރު ވަޒީފާއިން މުސްކުޅިކުރަން މަޖުބޫރުވާ އުމުރު 65 އަހަރަށް ވުރެ މަތިކުރުމާއި އަގުތަކަށް އަންނަ ބަދަލުތަކާ އެއްވަރަށް ޕެންޝަނަށް ލިބޭ އަދަދު ވެސް ބޮޑުވާން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިފޯމެއް ގެންނައިރު އެންމެ މުހިންމު އެއް ކަމަކީ ކަޓް އޮފް ޑޭޓެއް ކަނޑައެޅުން
ސުޖާތާ
މި ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރި ގޮތުގައި ޕެންޝަން ނިޒާމު އިސްލާހު ކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް އެކަން ކުރަންވާނީ މިހާރު ޕެންޝަން ލިބޭ ފަރާތްތަކަށް ލިބޭ މިންވަރު މަދުނުވާ ގޮތަށް، އަދި ކުރިމަގުގައި ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދެވޭނެ ނިޒާމެއް ޤާއިމްކުރެވޭ ގޮތަށެވެ.