ޚަބަރު
ރޭގަނޑު ލަސްވަންދެން މަގުމަތީގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރަން ފަށައިފި

ދިވެހި ފުލުހުން ފޮޓޯ:ޓއިމްސް އޮފް އައްޑޫ
ބ. އޭދަފުށީގައި ރޭގަނޑު 10 ގެ ފަހުން ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. މި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމަޢެއް ގާއިމުކުރުމަށާއި ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށް ފެށި ހަރަކާތެއްގެ ގޮތުގައި ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތް ފަށާފައިވަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުންނެވެ. އވެ. އެގޮތުން، "ޗިލްޑްރެން ޑޭޓާ ބޭސް" އެއް އިފްތިތާހުކޮށް، މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި މަސައްކަތުގެ ދަށުން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މަޢުލޫމާތު އެއްކުރެވޭނެއެވެ. އަދި ކުށްތަކަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އެހެނިހެން އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފެށުނު މި މަސައްކަތަކީ، ކުށްމަދު އަމާން މުޖުތަމަޢެއް ގާއިމުކުރުމަށާއި ކުޑަކުދިން ކުށުގެ ވެށިން ރައްކާތެރިކުރުމަށް ފެށި ހަރަކާތެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ރަށްރަށުގައި ކުށްމަދު އަމާން މުޖުތަމަޢެއް ގާއިމުކުރުމަށްޓަކައި، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުންނެވެ.