ޚަބަރު
މ. މުލީ އެއަރޕޯޓުގެ ޓެސްޓް ފްލައިޓް އަންނަ ހުކުރު ދުވަހު ބާއްވަނީ

މ.މުލީ އެއަރޕޯޓް
މ. މުލީ އެއަރޕޯޓުގެ ޓެސްޓް ފްލައިޓް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މިއަދު ހާމަކޮށްފިއެވެ. މި ޓެސްޓް ފްލައިޓް ބޭއްވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތައް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.
ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި، މުލީ އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްގެ ދަށުންނެވެ. އަދި ޓެސްޓް ފްލައިޓް ބޭއްވުމަށް ތާވަލުކުރަމުންދަނީ އަންނަ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މ.މުލީ އެއަރޕޯޓްގެ ރަންވޭ
މުބީން އިތުރަށް ވިދާޅުވި ގޮތުގައި، ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއަރޕޯޓަށް މިވަގުތަށް ބޭނުންވާ މުވައްޒަފުން ވަނީ ހަމަކޮށްފައެވެ. އަދި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން، އެއަރޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ފަޔަރ ޓްރަކް އެ ރަށަށް ގެންދިއުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މުލީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ރަންވޭއާއި ޓަރމިނަލް އަދި ރަންވޭ ހިމެނޭ ސަރަޙައްދުން ހިއްކަން ޖެހޭ ބިމުގެ ސަރަޙައްދު ހިއްކުމުގެ ހުރިހާ މަސައްކަތްތައްވެސް މިހާރު ވަނީ ނިންމާލާފައެވެ.

މ.މުލީ އެއަރޕޯޓްގެ ޓަރމިނަލް
މުބީން ވިދާޅުވި ގޮތުގައި، ޓެސްޓް ފްލައިޓަށްފަހު ވިޔަފާރި ދަތުރުތައް ފެށުމަށް މަހެއްހާ ދުވަސް ހޭދަވާނެއެވެ. އަދި ފްލައިޓް ދަތުރުތައް އޮންނަ ދުވަސްތަކާއި އަގުތައް މޯލްޑިވިއަންއިން އާންމުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މ. އަތޮޅަށް ދަތުރުފުޅެއް ކުރައްވާ، މުލީ އެއަރޕޯޓްގެ ދަތުރުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުލީ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގެ މަޝްރޫޢުއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ. މި އެއަރޕޯޓް ހުޅުވުމާއެކު، މ. އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބިގެންދާނެއެވެ.