Ads by Aqeeqa Maldives

ޚަބަރު

ދެ ޙަރަމްފުޅުގެ އިމާމެއް ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް: ވަޒީރު

ދެ ޙަރަމްފުޅުގެ އިމާމެއް ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއް: ވަޒީރު

މަދީނާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙް ބުދައިރު ދިވެހިރާއްޖެއަށް ކުރަށްވާ ރަސްމީ ދަތުރުފުޅާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2025، 04:15

20 އޭޕްރީލު 2025، 04:15

ސާޅީސް އަހަރު ފަހުން، ދެ ޙަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝަހީމް ވިދާޅުވީ، މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.

މި ދަތުރުފުޅަކީ އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިސް ޝަޚްޞިއްޔަތުން ރާއްޖެ ގެންނެވުމަށް ކުރެވޭ މަސައްކަތްޕުޅުތަކުގެ ފެށުން. އަދި ކުރިއަށް އޮތްތަނުގައި އިތުރު ފާހަގަކޮށްލެވޭ ބޭފުޅުން ގެންނެވުމަށް މަސައްކަތް ކުރަމުން ގެންދާނެ

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޙަރަމްފުޅުގެ އިސް އިމާމެއް ރާއްޖެ ވަޑައިގަތުމުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް ގުޅުން ހާމަވެގެންދާނެ ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



އެންމެ ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަތީ 40 އަހަރު ކުރިން، އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ކަމަށާއި، އެއީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައްމަދު އައްސުބައްޔިލް ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޞަލާޙުލްބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ، އަދި މަދީނާގެ ޙަރަމްފުޅުގައި އިމާމުވެ ތަރާވީޙް ނަމާދު ކުރައްވާ، އިސްލާމީ ދުނިޔޭގެ އިޙްތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS