ޚަބަރު
ދިވެހި އަސްކަރިއްޔާ އަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލައިފި

ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް ދައްކާލުން ފޮޓޯ:އިންޓަނެޓް
ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި އާމަޑް ވެހިކަލްތައް، ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިއަދު ބޭއްވި ޝަރަފުވެރި ހިނގާލުމުގައި ދައްކާލައިފިއެވެ.
ރައީސް އޮފީހުގެ ކުރިމަތީގައި މިއަދު ހަވީރު ބޭއްވުނު ސިފައިންގެ ޝަރަފުގެ ހިނގާލުން ފެށުނީ ހާއްސަ ހުށަހެޅުމަކުންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަސްޓްް ލޭޑީ ސާޖިދާ މުހައްމަދާއި އެ ދެކަނބަލުންގެ ދެބޭފުޅުން ވެސް ބައިވެރިވެވަޑައިގަގަތެވެ.
މި ޕެރޭޑުގެ އެންމެ ހާއްސަ އެއް ކަމަކަށްވީ ދިވެހި އަސްކަރިއްޔާއަށް އަލަށް ގެނައި ފަސް އާމަޑް ވެހިކަލް ދެއްކުމެވެ. މިއީ މިދިޔަ އެއްމަސް ތެރޭގައި ރާއްޖެ ގެނައި އުޅަނދުތައް ކަމަށް އެނގިފައިވެއެވެ. ނަމަވެސް، އެމްއެންޑީއެފުން މި އުޅަނދުތަކުގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ކޮމާންޑް ސާޖަން، މޭޖާ އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި މިއީ ދިވެހި އަސްކަރިއްޔާއަށް މިފަދަ ވެހިކަލްތައް ގެނައި ފުރަތަމަ ފަހަރެވެ. އަދި ކުރިއަށް އޮތްތަނުގައި މި ވެހިކަލްތައް ސިފައިންގެ އޭރިއާ ކޮމާންޑުތަކުގައި ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕެރޭޑުގައި ސިފައިންގެ ބޭންޑާއި އެއްގަމާއި ކަނޑާއި ވައިގެ ބާރުތަކުގެ ހަރަކާތްތަކާއި އަސްކަރިއްޔާގެ ބައެއް އުޅަނދުތައް ވެސް ދައްކާލިއެވެ. ސައީދު ވިދާޅުވި ގޮތުގައި 1940ގެ އަހަރުތަކުން ފެށިގެން ސިފައިންގެ ޝަރަފުގެ ހިނގާލުންތައް މާލޭގައި ބާއްވަމުން އަންނަ ކަމަށާއި، މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.