ޚަބަރު
އެކުއަކަލްޗަރ މަސައްކަތަށް ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައް ކުއްޔަށް ދޫކުރަން ނިންމައިފި

އެކުއަރ ކަލްޗަރ ގެ މަސައްކަތް ފޮޓޯ: އަވަސް
އެކުއަކަލްޗަރ މަސައްކަތަށް ރަށްރަށުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ އެކަމާއި ގުޅޭ ގަވާއިދަށް އިސްލާޙު ގެނެސްފައެވެ.
މި އިސްލާޙާ އެކު، މީގެ ކުރިން އެކުއަކަލްޗަރގެ މަސައްކަތްކުރުމަށް ފަޅު ރަށްތައް އެކަނި ދޫކުރަމުން ދިޔަ އުސޫލު ބަދަލުވެ، ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި ކަނޑުގެ ސަރަޙައްދުތައްވެސް މި މަސައްކަތަށް ކުއްޔަށް ދޫކުރެވޭނެއެވެ. މިއީ 2020 ވަނަ އަހަރު އެކުލަވާލާފައިވާ އެކުއަކަލްޗަރ ކުރުމުގެ ގަވާއިދަށް ގެނެވުނު އިތުރު އިސްލާޙެކެވެ.
އިސްލާޙު ގެނެވުނު ގަވާއިދުގައިވާ ގޮތުން، އެކުއަކަލްޗަރގެ މަސައްކަތް ކުރު ކުރުމަށް ފަޅަކުން އަދި ކަނޑުގެ ސަރަޙައްދަކުންވެސް ކުއްޔަށް ދޫކުރެވޭނީ ދިވެހި ރައްޔިތުންނަށް، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކަށް ނުވަތަ ކޯޕަރޭޓް ސޮސައިޓީތަކަށެވެ.
މި ގަވާއިދުގެ ދަށުން އެކުއަކަލްޗަރގެ މަސައްކަތަށް ސަރަޙައްދެއް ކުއްޔަށް ދޫކުރުމުގައި ވަކި ޝަރުތުތަކެއް ފުރިހަމަ ވާންޖެހެއެވެ. އޭގެ ތެރޭގައި ހުށަހަޅާ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ދިވެހި ރައްޔިތުންނަށް ފައިދާ ކުރުމާއި، ހުށަހަޅާ ފަރާތުގެ މާލީ އަދި ފަންނީ ޤާބިލުކަން ހުރުން، އަދި ހުށަހަޅާ ސަރަޙައްދަކީ މާޙައުލީ ގޮތުން އެކަށީގެންވާ ތަނަކަށްވުން ހިމެނެއެވެ.
ކުލީގެ ގޮތުގައި ފަޅު ރަށަކުން ނަގާނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 10 ލާރި ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތަކާއި ކަނޑުގެ ސަރަޙައްދުތަކުގެ އެންމެ ދަށް ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 5 ލާރިއެވެ. މީގެ އިތުރުން، އެކުއަކަލްޗަރގެ މަސައްކަތަށް ދޫކުރާ ސަރަޙައްދުގެ ފުރަތަމަ 36 މަސްދުވަހުގެ ކުލި މަޢާފުކުރުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ.