ޚަބަރު
ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަހުގެ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވުނު މަގުމަތީ ހިނގާލުން ފޮޓޯ:ޕީއެސްއެމް
ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވުނު މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ. މި ހިނގާލުމުގައި ކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ އުޅަނދުތައް ދައްކާލާފައިވެއެވެ.
ބަންޑާރަކޮށިން ފެށުނު މި ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސް މުޢިއްޒުގެ އިތުރުން އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނާއި، ސަރުކާރުގެ އެހެނިހެން ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ރައްޔިތުން މި ހިނގާލުން ބަލާލުމަށް އެ ސަރަޙައްދުތަކަށް ޖަމާވެފައިވެއެވެ.
މި ހިނގާލުމުގައި ސިފައިންގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދެއްގައި މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދިނެވެ. މި ސަރަޙައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދު މަގު، ރައީސް އޮފީސް ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ. ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ދިފާޢީ ބާރުން ބުނާ ގޮތުގައި މި ހިނގާލުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ހާމަކޮށް، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަކަން ދެއްކުމެވެ. މީގެ އިތުރުން ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ މުހިންމު މަޤްޞަދެއް ކަމުގައި ދިފާޢީ ބާރުން ފާހަގަކޮށްފައިވެއެވެ.