ދުނިޔެ

ޔަމަނުގެ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން ހަމަލާގައި 74 މީހުން މަރުވެއްޖެ

ޔަމަނުގެ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން ހަމަލާގައި 74 މީހުން މަރުވެއްޖެ

ޔަމަނަށް އެމެރިކާއިން ހަމަލާދިން ސަރަޙައްދު ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 04:57

19 އޭޕްރީލު 2025، 04:57

ޔަމަނުގެ ހޫތީން ބުނާ ގޮތުގައި ޔަމަނުގެ ރާސް އީސާ ތެޔޮ ބަނދަރަށް އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 74 މީހުން މަރުވެ، 126 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި މި ހަމަލާ ދިންކަން ކަށަވަރުކޮށްފައިވެއެވެ. މި ހަމަލާގެ މަޤްޞަދަކީ ހޫތީންގެ ތެލުގެ ސަޕްލައި އަދި މާލީ ވަސީލަތްތަކަށް ހުރަސްއެޅުން ކަމަށް ބުނެފައިވެއެވެ. އެމެރިކާގެ ބާރުތަކުން ޔަމަނުގެ ހުޅަނގު ސަރަޙައްދުގައި އޮންނަ މި ތެޔޮ ބަނދަރަށް ހަމަލާދިނީ ހޫތީންގެ އިޤްތިޞާދީ ބާރު ދަށްކުރުމަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި އޮޕަރޭޝަނުގެ މަޤްޞަދަކީ ޔަމަނުގެ އާންމު ރައްޔިތުންނަށް ގެއްލުންްލުން ދިނުމެއް ނޫން ކަމަށްވެސް  ބުނެފައިވެއެވެ.

މި ހަމަލާއަކީ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. އެމެރިކާއިން މި ހަމަލާތައް ފަށާފައިވަނީ މާރިޗު 15 ގައެވެ. މިއީ ބައިނަލްއަޤްވާމީ ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގުތަކުގައި ދުއްވާ އުޅަނދުފަހަރަށް ހޫތީން ހަމަލާދިނުން ހުއްޓުވުމަށް ކަމަށް ބުނެފައިވެއެވެ.

ހޫތީންވަނީ އެމެރިކާގެ އަސްކަރީ އުޅަނދުފަހަރަށާއި އިސްރާއީލަށްވެސް ހަމަލާދީފައެވެ. އެމީހުން ބުނާ ގޮތުގައި މިއީ ޣައްޒާގެ ފަލަސްޠީނުގެ މައްސަލައިގައި އެހީތެރިވުމަށް ކުރާ ކަމެކެވެ.

ހޫތީން ރަތް ކަނޑާއި، އިސްރާއީލުގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރަށް ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގެ ހަނގުރާމައާއި ގުޅިގެންނެވެ. ނަމަވެސް ޖެނުއަރީ މަހު ވަގުތީ ހުއްޓުމަކަށް އައި ދުވަސްވަރު މި ހަމަލާތައް މަޑުޖެހުނެވެ. އޭގެ ފަހުން މާރިޗު މަހު އިސްރާއީލުން ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް އަލުން ފެށުމާ ގުޅިގެން، ހޫތީން އަނެއްކާވެސް އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނެވެ. މިކަމާ ގުޅިގެން އެމެރިކާއިން ފަހުން މި ހަމަލާތައް ދޭން ފެށިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS