ޚަބަރު
ފިލިޕީންސްގައި އަނިޔާވި ދިވެހި ދަރިވަރަށް ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް ފްލައިންގ ސްކޫލުން

"އެއާވޯކްސް އޭވިއޭޝަން އެކެޑަމީ
ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދިވެހި ދަރިވަރު، ހދ. ހަނިމާދޫ، އަބްދުލް މާނިއުގެ ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް އެ ދަރިވަރު ތަމްރީނު ހޯދަމުންދިޔަ ސްކޫލް "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ތަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އެކްސިޑެންޓުގައި އަބްދުލް މާނިއުގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ބުރިވެފައިވާ ކަމަށް އެނގިފައި ވެ އެވެ. މި އަނިޔާތަކަށް ފަރުވާދިނުމަށް ބޮޑެތި ސާޖަރީތަކެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. މިހާރުގެ އޭނާގެ ހާލު "ސްޓޭބަލް" ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކަޑަމީގެ ބަޔާނުގައި ބުނެފައިވަނީ، ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދެމުން އަންނަ ކަމަށާއި އެ ދަރިވަރަށާއި އާއިލާ އަށް ބޭނުންވާ އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ދަރިވަރު މުޅިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް ދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.
އެކްސިޑެންޓުގެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، މިފަދަ ހާދިސާއެއް ދެން ނުހިނގާނެ ކަން ޔަގީން ކުރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެކަޑަމީން ބުނެފައި ވެ އެވެ. އެކްސިޑެންޓް ހިނގުމާ ގުޅިގެން ތިން ދުވަހަށް ހުރިހާ ދަތުރުތަކެއް ސަސްޕެންޑްކުރި ކަމަށާއި އެއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ބުންޏެވެ.
ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެ ގައުމުގެ ފުލުހުން ގުޅިގެން ވަނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކޮށްފައެވެ. ވަރަށް އަވަހަށް އެ ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމަށް އެނގިފައި ވެ އެވެ. މި ހާދިސާއާ ގުޅިގެން މާނިއުގެ އާއިލާގެ ބަޔަކު މިހާރު ތިބީ ފިލިޕީންސްގަ އެވެ.