ޚަބަރު
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ހިނގާލުން މިއަދު ހަވީރު 16:15ގައި

ދިވެހި ފުލުހުންގެ ޙިދުމަތުގެ ޕެރޭޑެއް ފޮޓޯ:އެޑިޝަން
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި މަގުމަތީ ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.
ސިފައިންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:15 ގައި ބަންޑާރަކޮށިންނެވެ. ހިނގާލުމުގައި ބައިވެރިވާ ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އައުމުން، މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމަށް ވެއެވެ.
މި ހިނގާލުން ކުރިއަށްދާނީ މާލޭގެ ކަނޑައެޅިފައިވާ މަގުތަކުންނެވެ. އަދި މި ހިނގާލުމުގައި ލަޝްކަރު ފަސް ސަރަހައްދެއްގައި މަޑުކުރާނެ ކަމަށް ސިފައިން ވިދާޅުވިއެވެ. އެއީ އަމީރު އަޙްމަދު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައި ވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް އިވޭނެއެވެ.
ސިފައިންގެ ފަރާތުން އިތުރަށް ވިދާޅުވީ، މި މަގުމަތީ ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށެވެ. އަދި މި ހިނގާލުން ނިންމާލުމަށް ހަމަ ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށްވެސް ސިފައިން ވިދާޅުވިއެވެ.