Ads by Aqeeqa Maldives

ޚަބަރު

މަޖީދިއްޔާއަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" : ރައީސް މުޢިއްޒު

މަޖީދިއްޔާއަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" : ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 01:33

19 އޭޕްރީލު 2025، 01:33

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު އަދި މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު އެ ސްކޫލުގެ ދިގު ތާރީޚަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ. އަދި މަޖީދިއްޔާގެ ހަނދާންތައް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިކުރާތަކާއެކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



މި މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށާއި، ބެލެނިވެރިންނާއި، މުދައްރިސުންނާއި، ހިންގުންތެރީންނަށް އަދި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ މަޖީދިއްޔާ ސްކޫލުގެ ލަވައިގެ ބައިތުތަކަކުންނެވެ.

ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެށިގެން ދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާއާ އެކުގައެވެ. އެއީ އައްސުލްތާން މުޙައްމަދު ޝަމްސުއްދީން 3 ގެ އިސްނެންގެވުމާއެކުގައެވެ. މިހާރު އެ ސްކޫލް އެނގިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ނަމުގައެވެ. 2011 ވަނަ އަހަރާ ހަމައަށް ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އޮތް މަޖީދިއްޔާގައި، އެ އަހަރުން ފެށިގެން ދެ ޖިންސަށް ކިޔަވައިދޭން ފެށިއެވެ.

2027 ވަނަ އަހަރު މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމާ ގުޅިގެން، މިދިޔަ އަހަރު ވަނީ 1000 ދުވަހުގެ ކައުންޓްޑައުންއެއް ފަށާފައެވެ. އަދި ސަރުކާރުން ވަނީ މަޖީދިއްޔާއަށް ގަރުނެއް ފުރުން ކުލަގަދަކޮށް ފާހަގަކުރަން ނިންމަވާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS