ޚަބަރު
ހުޅުމާލެއިން މަސްތުވާތަކެއްޗާ އެކު އެއްމާބަނޑު ދެބެއިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެމީހުން
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޚާއްޞަ ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެންކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ، މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28 އަހަރު) އާއި ރާއިގް ޔޫސުފް (28 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހުއެވެ.
އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެހެނިހެން ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މީގެ ތެރޭގައި ފްލޭވަރ ފުޅިތަކަކާއި، ވީޑް ގްރައިންޑަރަކާއި، ވޭޕްތަކާއި، ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.