ޚަބަރު
ހިޔާ ޓަވަރު ސަރަހައްދުގައި ތިން ފަންގިފިލާގެ މިސްކިތެއް އަންނަމަހު ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަދި ނައިބު ވަޒީރު އާސިމް އެޗްޑީސީގެ އިސްވެރިންނާއެކު- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރު ސަރަޙައްދުގައި އިމާރާތްކުރާ ދާއިމީ މިސްކިތްތަކުގެ ތެރެއިން، ތިން ފަންގިފިލާގެ މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވިގެންދާނެކަމަށެވެ. ހަމައެއާއެކު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ.
އަންނަ މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައްކަންވެސް އެ ވުޒާރާއިން ފާހަގަކޮށްފައި ވެއެވެ.