Ads by Aqeeqa Maldives

ޚަބަރު

މޮރޮކޯގައިއޮންނަ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކޯގައިއޮންނަ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

16 އޭޕްރީލު 2025، 01:58

16 އޭޕްރީލު 2025، 01:58

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ޢާއްމު ޝަރުޠުތަކަކީ:

1-  ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން

2-  ދިވެހި ރައްޔިތަކަށްވުން

3-   ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން

4-   ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:

1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި: މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވެއެވެ.

2-      ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި: މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެ ކަމަށާއި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެންވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައިކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެކަމަށްވެސް މަރުކަޒުން ވިދާޅުވެފައި ވެއެވެ.

މިި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ، ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ، ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) 21 އެޕްރީލް 2025 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުމަށް ޤުރުއާނާއި ބެހޭ މަރުކަޒުން އެދިލައްވައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS