ޚަބަރު
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާން ޚަޠީބުންނާއި އެކު ޑރ.ޝަހީމް- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ 3 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ޕްރޮގްރާމްގެ 3 ވަނަ ބުރު ކުރިއަށްދާނީ މެއި އަދި ޖޫން މަހުގެ ތެރޭގައި ކަމަށެވެ. މި ބުރުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10،11،12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ކުދިންނަށްކަމަށެވެ. އެހެންކަމުން މި ތަމްރީނުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް މަޢުލޫމާތުދެއެވެ.
މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުންވެސް ފާސްވާ ބައިވެރިންނަށެވެ. މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަރު 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މި ޕްރޮގުރާމުގެ ދެބުރު މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު މި ދެބުރުގައިވެސް ގިނަ އަދަދެއްގެ ފުރާވަރު ކުދިން ބައިވެރިވެފައެވެ. މި ޕްރޮގްރާމަށްފަހު މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ ޒުވާން ކުދިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމަށް ކަމަށެވެ.