ޚަބަރު
ތިން ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވައިފި

ސްވިޑަން، ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުން
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ސްވިޑަން، ސީޝެލްސް އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުންނަށް ރުހުން ދެއްވާފައެވެ. މި ތިން ޤައުމަށް ސަފީރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓު ނެގުނެވެ.
މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި 71 މެންބަރުންގެ އަޣުލަބިއްޔަތުން މި ތިން ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރުމަށް ފާސްވިއެވެ.
ސްވިޑަންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ރުހުން ދެވިފައިވަނީ، މިހާރު ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރަށެވެ. ސީޝެލްސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ހޮވިވަޑައިގަތީ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ހޮވިވަޑައިގަތީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޤާނޫނުއަސާސީގެ ދަށުން، ބޭރު ޤައުމުތަކަށް ސަފީރުންނާއި ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައެވެ.