ޚަބަރު
ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދު ކުޑަވެއްޖެ: 2.3 ބިލިއަން ރުފިޔާގެ އަރަނި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ފޮޓޯ: އެެޑިޝަން
މިއަހަރުގެ ފުރަތަމަ 12 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 2.3 ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން އޭޕްރީލް 10 އާ ހަމައަށް ދައުލަތަށް 11.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 9.1 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ 4.6 އިންސައްތަ އިތުރުވެފައިވާ މިންވަރެކެވެ.
ލިބުނު އާމްދަނީގެ ތެރެއިން 8.6 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 2.4 ބިލިއަން ރުފިޔާއަކީ ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ނެގޭ ޖީއެސްޓީންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 500 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީވެސް މިދިޔަ އަހަރަށްވުރެ 229.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ދައުލަތުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދު 9 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރު މި މުއްދަތުގައި 11.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މި ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާއެވެ. ރައީސް މުޢިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.