Ads by Aqeeqa Maldives

ޚަބަރު

ހުކުރު މިސްކިތުގެ އަސްލަށް ގެއްލުން ލިބިފައިވަނީ ކުރީ ސަރުކާރުން އިހުމާލުވެފައިވާތީ:ވަޒީރު އާދަމް ނަޞީރު

ހުކުރު މިސްކިތުގެ އަސްލަށް ގެއްލުން ލިބިފައިވަނީ ކުރީ ސަރުކާރުން އިހުމާލުވެފައިވާތީ:ވަޒީރު އާދަމް ނަޞީރު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފޮޓޯ:މަޖިލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޭޕްރީލު 2025، 10:45

16 އޭޕްރީލު 2025، 10:45

ކުރީ ސަރުކާރުގެ އިހުމާލުގެ ސަބަބުން މާލޭ ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ  ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުކުރު މިސްކިތުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރު މުޙައްމަދު އިބްރާހީމް ވަނީ މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މި ސަރުކާރުގައި ހުއްޓިފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިސްކިތުގެ އަސްލަށް ބަދަލު އަންނަ ގޮތަށް ތަނބުތައް ޖަހާފައިވާ  ކަމަށާއި މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ސުވާލުކުރެއްވިއެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ ހުކުރު މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށެވެ. އެގޮތުން، 2023ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަހު ކުރިން އެ މަސައްކަތް ހުއްޓިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަނބުތަކެއް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ކުރީ ސަރުކާރުގައި. އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާގޮތުގެ ސަބަބުން މިސްކިތުގެ އަސްލަށް ގެއްލުން ވެފައިވޭ. ބައެއް މަތިވވަޑާމުގައި ހުރި ލިޔުންތައް، ކެމިކަލްތަކުގެ ސަބަބުން ފޮހެވި، ހަލާކުވެފައިވޭ

ވަޒީރު 

ވަޒީރު އިތުރަށް ވިދާޅުވީ ފޮޓޯތަކުން ފެންނަ ގޮތުގައި ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި، ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިކަމަށެވެ. މިސްކިތުގެ އަސްލަށް ގެއްލުން ލިބިފައިވަނީ މަސައްކަތް ކުރެވިފައިވާގޮތުން އިހުމާލުވެފައިވާތީ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ތަރިކައިގެ ދާއިރާ ތަރައްގީ ކުރުމުގެ މުހިންމު މަޝްރޫއެއް މި ސަރުކާރުގައި އޮތް ކަމަށާއި، އެ ޕްލޭނާ އެއްގޮތަށް ރާއްޖޭގައި ހުރި ތަރިކައާ ގުޅުންހުރި މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވިގޮތެއްގައި އާމްދަނީ ލިބޭނެގޮތަށް މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.



ވަޒީރު އާދަމް ނަޞީރު އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ދުވަސްވުމުގެ ސަބަބުން ހުކުރު މިސްކިތުގެ ސްޓްރަކްޗަރއަށް ގެއްލުމެއް ވެދާނެތީ، ވަގުތީ ތަނބުތަކެއް ޖަހާފައިވަނީ މިސްކިތުގެ އާބާތުރަ ފިލުވުމަށް 2023ވަނަ އަހަރުގެ ކުރީކޮޅު ފެށި މަޝްރޫޢުގެތެރެއިން ކަމަށެވެ. އަދި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭ ހުކުރު މިސްކިތަކީ ލަކުޑީގެ މޮޅު ވަޑާމާއި، ލިޔެލާޖެހުމާއި، ހިރިގަލުގެ ރީތި ކުރެހުންތަކުން ޒީނަތްތެރިކުރެވިފައިވާ ތާރީޚީ އަދި ޘަޤާފީގޮތުން ރާއްޖޭގައި ހުރި އެންމެ މުހިއްމު އެއް މިސްކިތެވެ. މި މިސްކިތުގެ މުހިންމުކަން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މާލޭ ހުކުރު މިސްކިތް ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގެ ވަގުތީ ލިސްޓުގައި ހިމަނާފައިވަނީ 12 ފެބްރުއަރީ 2008 ގައެވެ.




                    

މި ލިޔުން ކިޔާލުމުން

Ads by MSS