ޚަބަރު
އައުއުސޫލާއި ގުޅިގެން މީގެކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ:ވުޒާރާ

މާލޭގައި ދުއްވާ ބައެއް އުޅަނދު ފޮޓޯ: އިންޑިޕެންޑަންޓް
60 އަހަރުން މަތީގެ މީހުންނަށް ދޫކުރަން ނިންމާފައިވާ ޚާއްސަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާ ގުޅިގެން، މީގެ ކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ޤަވާއިދަށް ގެނައި 2 ވަނަ އިސްލާހުގައި، 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ޚާއްސަކޮށް ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް ލައިސަންސެއް ދޫކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. މި ޤަވާއިދާ ގުޅޭގޮތުން އޮޅުން އަރާ ގޮތަށް ބައެއް މަޢުލޫމާތުތައް ފެތުރެމުންދާތީ، ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި މި ކަންކަން ސާފުކޮށްދީފައިވެއެވެ.
މި އުސޫލާ ގުޅިގެން މީގެކުރިން ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލު ނުވާނެ. އަދި މީގެކުރިން ދޫކޮށްފައިވާ ިވާ ލައިސަންސް ބޭނުންކުރުމަށާއި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށް 60 އަހަރުވެފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނެތް ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މި ޚާއްސަ ހުއްދަ ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް، ލައިސަންސާ ގުޅޭ އާންމު އިމްތިހާނުތައް ފުރިހަމަކުރުމާ ނުލައި، ފަސޭހައިން މި ފުރުޞަތު ލިބޭނެ ގޮތް ފަހިކޮށްދިނުންކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ. މިގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ފުރުޞަތު ފަހިކޮށްދެވޭނެއެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ބަދަލުގެ މަޤްޞަދަކީ އިސްރަށްވެހިންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވެވޭނެ ގޮތް ހެދުން ކަމަށެވެ. އަދި މި ބަދަލާ ގުޅޭގޮތުން އޮޅުންއަރާ ގޮތަށް މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ވުޒާރާއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.