ދުނިޔެ
ސިންގަޕޫރުގެ މަޖިލިސް އުވާލައިފި

ސިންގަޕޫރުގެ ޕާލިމަންޓް ފޮޓޯ:އިންޓަނެޓް
ސިންގަޕޫރުގެ މަޖިލިސް އުވާލައިފިއެވެ. މިއީ އަންނަ 3 މަސްދުވަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބަށް މަގުފަހިކުރުމަށް އެޅުނު ފިޔަވަޅެކެވެ. މި ޚަބަރު ސިންގަޕޫރުގެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.
މިއީ 2024 ގެ މެއި މަހު ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ގެ ލީޑަރުކަމާ ހަވާލުވި ލޯރެންސް ވޯންގްގެ ފުރަތަމަ އިންތިޚާބީ ޓެސްޓެވެ. އޭނާ މި މަޤާމާ ހަވާލުވީ ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ލީހްސިއެން ލޫންގްގެ ފަހުގައެވެ.
1965 ގައި މިނިވަންވީއްސުރެ ކޮންމެ އިންތިޚާބެއްގައިވެސް ޕީއޭޕީ އަށް ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވިފައެވެ. ނަމަވެސް 2020 ގެ އިންތިޚާބުގައި ޕާޓީގެ ވޯޓު ލިބުނު މިންވަރު ދަށްވެފައިވާތީ، މިފަހަރުގެ އިންތިޚާބުގައި ޕާޓީއަށް ލިބޭ ވޯޓުގެ އިންސައްތައަށް ގިނަ ފަރާތްތަކުން ސަމާލުކަން ދޭނެކަމަށް ބެލެވެއެވެ.
މި އިންތިޚާބު ބޭއްވެނީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްވަރެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްތަކުގެ ސަބަބުން ވިޔަފާރިއަށް ބަރޯސާވެފައިވާ ސިންގަޕޫރުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރުމުގެ ބިރު އެބައޮތެވެ. މިކަމާ ގުޅިގެން 2025 އަހަރުގެ އިޤްތިޞާދީ ދުވެލީގެ ލަފާކުރާ މިންވަރު ވަނީ 0 އިންސައްތައިން 2 އިންސައްތައަށް ދަށްކޮށްފައެވެ.
ފާއިތުވި އިންތިޚާބުތަކުގައި އިދިދިކޮޅު ފަރާތްތަކުން ވަނީ ީ ކުރިއެރުންތަކެއް ހޯދާފައެވެ. 2011 އަދި 2015 ގައި 6 ގޮނޑި ކާމިޔާބުކުރި އިދިކޮޅު ފަރާތްތަކުން 2020 ގައި ވަނީ 10 ގޮނޑި ހޯދާފައެވެ.
މިފަހަރުގެ އިންތިޚާބުގައި 2020 އާ އަޅާބަލާއިރު 4 ގޮނޑި އިތުރުވެގެންދާނެއެވެ. މިގޮތުން 15 ސިންގަލް މެމްބަރ އިލެކްޓޯރަލް ޑިވިޜަނާއި 4 ނުވަތަ 5 މެމްބަރުން ހިމެނޭ 18 ޑިވިޜަނަކުން ޖުމްލަ 97 މެމްބަރުން އިންތިޚާބުކުރެވޭނެއެވެ.
ފެބްރުއަރީ މަހު ވޯންގް ވަނީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ރައްޔިތުންނަށް ފައިދާވާނެ ބަޖެޓެއް ހުށަހަޅާފައެވެ. ތަޙްލީލުކުރާ ފަރާތްތަކުން މި ބަޖެޓަށް ވަނީ "ފުރިހަމަ އިންތިޚާބީ ބަޖެޓެއް" ގެ ނަން ދީފައެވެ.