ދުނިޔެ

ހާވަޑް ޔުނިވަރސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑިންގ ހިފަހައްޓައިފި

ހާވަޑް ޔުނިވަރސިޓީގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑިންގ ހިފަހައްޓައިފި

އޮކްޓޯބަރ 2023 ހުގައި ހާވަޑް ޔުނިވަރސިޓީން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާ ފޮޓޯ:އިންޓަނެެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 އޭޕްރީލު 2025، 09:52

15 އޭޕްރީލު 2025، 09:52

އެމެރިކާގެ އެންމެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގެ ތެރެއިން އެއް ޔުނިވަރސިޓީ ކަމުގައިވާ ހާވަޑް ޔުނިވަރސިޓީއަށް ދައުލަތުން ދެމުން އައި 2.2 ބިލިއަން ޑޮލަރުގެ ފަންޑިންގ ހިފެހެއްޓިއްޖެއެވެ. މިގޮތަށް ފަންޑިންގ ހިފެހެއްޓީ ވައިޓް ހައުސްއިން ޔުނިވަރސިޓީއަށް ހުށަހެޅި ޝަރުތުތަކެއް ޔުނިވަރސިޓީން ބަލައިނުގަތުމާ ގުޅިގެންނެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުގައި މި ޝަރުތުތައް ހުށަހެޅީ ކެމްޕަސްތަކުގައި އެންޓި-ސެމިޓިޒަމް އިތުރުވަމުން އަންނަ މައްސަލައަށް ހައްލެއް ހޯދުމަށެވެ. މި ޝަރުތުތަކުގެ ތެރޭގައި ޔުނިވަރސިޓީގެ ހިންގުމާއި، މުވައްޒަފުން ނެގުމާއި، ދަރިވަރުން ވެއްދުމުގެ އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެއެވެ. މީގެ އިތުރުން، ޑައިވަރސިޓީ އޮފީސްތައް ބަންދުކުރުމަށާއި، ބޭރު ދަރިވަރުން ސްކްރީން ކުރުމުގައި އިމިގްރޭޝަން އޮތޯރިޓީތަކާ އެއްބާރުލުން ދިނުމަށްވެސް އަންގާފައިވެއެވެ.

ނަމަވެސް ހާވަޑް ޔުނިވަރސިޓީގެ ރައީސް އަލަން ގާބަރ ވަނީ މި ޝަރުތުތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އޭނާ ބުނީ ޔުނިވަރސިޓީގެ މިނިވަންކަމާއި ޤާނޫނީ ޙައްޤުތަކާ މެދު މަޝްވަރާ ނުކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޓްރަމްޕްގެ ޖޮއިންޓް ޓާސްކް ފޯސް ޓު ކޮމްބެޓް އެންޓި-ސެމިޓިޒަމްއިން ވަނީ ހާވަޑަށް ދެމުން އައި 2.2 ބިލިއަން ޑޮލަރުގެ ފަންޑިންގ ހިފަހައްޓާނެ ކަމަށް އިޢުލާން ކޮށްފައެވެ. މީގެ އިތުރުން 60 މިލިއަން ޑޮލަރުގެ ސަރުކާރު ކޮންޓްރެކްޓްތައްވެސް ހިފަހައްޓާނެ ކަމަށް ބުނެފައިވެއެވެ.

މިއީ ޢައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ޔުނިވަރސިޓީތަކުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. ޓްރަމްޕް އަދި އެހެން ރިޕަބްލިކަނުން ބުނާ ގޮތުގައި މި މުޒާހަރާތަކުގައި ބައިވެރިވާ ދަރިވަރުންނަކީ ހަމާސްއަށް ތާއީދުކުރާ ބައެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS