ޚަބަރު
"ޓޫ އޮފް އަސް" ގެ ހުށަހެޅުމަކީ ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ މޮޅު ހުށަހެޅުން: އަނޫ މާލިކް

ޓޫ އޮފް އަސް ބޭންޑް ފޮޓޯ:ޔޫޓިއުބް
އިންޑިއާގެ ދޫރްދަރްޝަން ޗެނަލްއިން މިހާރު ދައްކަމުންދާ މިޔުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރާ ރާއްޖޭގެ ބޭންޑް "ޓޫ އޮފް އަސް" އިން ހުށަހެޅި ދެވަނަ ލަވައަށް ފަނޑިޔާރުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިއްޖެއެވެ. ރޭ ބޭއްވުނު ޝޯގައި އިންޑިއާގެ މަޝްހޫރު މިޔުޒިކް ޑިރެކްޓަރު އަނޫ މާލިކު ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވިއެވެ.
ޓޫ އޮފް އަސް ބޭންޑުން މި ފަހަރު ހުށަހެޅީ ދިވެހި ދެ ލަވަ އެއްކޮށްލައިގެން އުފައްދާފައިވާ މެޑްލީއެކެވެ. އެއީ ރާއްޖޭގެ އަމިއްލަ ރާގުުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ އެއްތަރި،މަރްހޫމް މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)ގެ 'މޮޅު އޮޑި' އާއި މޭނާ ހައްސާނުގެ 'މިލަމިލަ ހަނދުވަރު' ލަވައެވެ.
މި ލަވަތައް ހުށަހެޅި ގޮތުގެ ފުރިހަމަކަމުން އަނޫ މާލިކުގެ ތަޢުރީފު ވަރަށް ބޮޑަށް ލިބުނެވެ. އޭނާ ވަނީ މިއީ ވަރަށް ތަފާތު އަދި ފަހުގެ ތާރީޚެއްގައި ފެނުނު އެންމެ މޮޅު ހުށަހެޅުން ކަމުގައި ސިފަކޮށްފައެވެ. އަދި ބޭންޑުގެ ލީޑަރު އަހުމަދު އަދުހަމްގެ ހުނަރުވެރިކަމަށް އަނޫ މާލިކު ވަރަށް ތަޢުރީފު ކުރިއެވެ. އަނޫމާލިކް ހާމަކުރި ގޮތުގައި ލަވައިގެ ތެރެއިން ދޫނިސޫފާ ސޫފީގެ އަޑުތައް އިވިގެން ދިއުމާއި "ގްރަންޖް" ސްޓައިލްއަށް އަދުހަމް ހުށައަޅައިދިން ތަންކޮޅަކީ ތަފާތު އަދި ފާހަގަ ކޮށްލެވޭވަރުގެ ހުނަރެކެވެ.
މި ބޭންޑުގައި އަދުހަމްގެ އިތުރުން ހިމެނެނީނީ ޢަބްދުﷲ ޝަމްރޫޚް، މުޙައްމަދު ނަސޫހު ބިން ނަސްރުއްދީން، އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ) އަދި އަޙްމަދު ޖަޝީމެވެ.
ބެޓްލް އޮފް ބޭންޑްސްއަކީ މިދިޔަ ތިން އަހަރު އިންޑިއާގެ ބޭންޑްތަކަށް ޚާއްޞަކޮށްގެން ދޫރްދަރްޝަނާއި ސަރެގަމަ ގުޅިގެން ގެނެސްދޭން ފެށި ޝޯއެކެވެ. ނަމަވެސް، މިއަހަރު މި ޝޯގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖޭގެ އިތުރުން އަފްޣާނިސްތާން، މޮރިޝަސް، ތަޖިކިސްތާން، ސިންގަޕޫރު، ރަޝިއާ، ނޭޕާލް، ސްރީލަންކާ، ސްޕެއިން އަދި އިނގިރޭސިވިލާތުން މި މުބާރާތުގައި ބޭންޑުތައް ބައިވެރިވެފައިވެއެވެ.