ޚަބަރު
ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު އިފްތިތާޙުކޮށްފި

ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުން ފޮޓޯ: ވުޒާރާ
ސައުދީ ޑިވެލޮޕްމަންޓް ފަންޑް (އެސްއެފްޑީ)ގެ 25 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގައި ގާއިމްކުރާ 400 ހައުސިންގ ޔުނިޓްގެ މަޝްރޫޢު މިއަދު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި، އެސްއެފްޑީގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދާއި، ދިވެހި ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
Minister @MoosaZameer and H.E. Sultan bin Abdulrahman Al-Marshad, CEO of @SaudiFund_Dev, inaugurated the 400 Affordable Housing Units Project financed by SFD today. pic.twitter.com/95gEFT0PwU
— Ministry of Finance and Planning (@MoFmv) April 14, 2025
މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 400 ސޯޝަލް ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ފިނޭންސް މިނިސްޓްރީން މިކަމާ ގުޅޭގޮތުން ބުނެފައިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް މި މަޝްރޫޢުގެ ސަބަބުން މަގުފަހިވާނެ ކަމަށެވެ. ނަމަވެސް މި މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.
މީގެ އިތުރުން، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދުގެ ދަތުރުފުޅުގައި މިއަދު ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތަށާއި، އެއަރޕޯޓުގެ ކާގޯ ޚިދުމަތްތައް ތަރައްޤީކުރުމަށް ވެސް އެސްއެފްޑީން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވަނީ، އެސްއެފްޑީން އެންމެ ފުރަތަމަ 1978 ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ދިން ލޯނާއެކު، އެއަރޕޯޓު ތަރައްޤީކުރުމަށް ހަތް ފަހަރެއްގެ މަތިން 240 މިލިއަނެއްހައި ޑޮލަރުގެ އެހީ ފަންޑުން ރާއްޖެއަށް ދީފައިވާކަން ފާހަގަކުރައްވާފައެވެ.