ޚަބަރު
ދިވެހީންނަކީ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުން:ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހިބަހުން ވާހަކަ ދެއްކުމަކީ އުފަލެއްކަމުގައި އަދި ފަޚުރެއްކަމުގައި އެންމެންވެސް ޤަބޫލުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެމަނިކުފާނުގެ ޚިޠާބުގައި ދިވެހިބަހަކީ ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒުކަމުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، "އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރިކުދީން ގިނަކުރުމަށް އަޅުގަނޑުމެން އެންމެން މަސައްކަތްކުރަންޖެހެއެވެ." އަދި ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭކަމަށާއި، ދިވެހީންނަކީ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދިވެހިބަހަށް ޚިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިބަހަށް އިހުމާލުނުވުމަށާއި، އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
މީގެއިތުރުން، ޒަމާނާއެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ. އަދި ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
.