ޚަބަރު
ސަޢުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ރައީސް މުޢިއްޒު އަދި ސަޢުދީ ފަންޑުގެ ސީއީއޯ މަޝްވަރާކުރައްވައިފި

ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމާއި، ރައްޔިތުންނަށް ފައިދާ ލިބޭނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުކުރެއްވި ކަމަށްޓަކައި ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި، ސަޢުދީ ފަންޑުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި، ޞިއްޙީ އަދި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެއްވާ އެހީތެރިކަން ހިމެނެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ދެ ފަރާތުން ވެސް ފާޅުކުރެއްވިއެވެ. އަދި ކުރިއަށްދާ މަޝްރޫޢުތައް ވަގުތަށް ނިންމައި، ރައްޔިތުންނަށް ފައިދާ ލިބޭނެ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރެއްވިއެވެ.
މި ބައްދަލުވުމުގެ ކުރިން، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.