ޚަބަރު
ޒަކާތު ފަންޑުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ 50 ސްކޮލަރޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ޒަކާތު ފަންޑުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ 50 ސްކޮލަރޝިޕަށް ހުޅުވާލުން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިފުރުސަތުތަކަކީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލެވުނު ފުރުސަތުތައް ކަމުގައެވެ.
މި 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން 20 ފުރުސަތު ހުޅުވާލެވުނުއިރު ރާއްޖެއިން ބޭރުން 30 ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.
ރާއްޖެއިން ފުރުސަތު ހުޅުވާލެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.
ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:
މާސްޓަރ އޮފް އަރޓްސް އިން ޤުރުއާނިކް ސައިންސެސް – 6 ފުރުސަތު
މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު
އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)
މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ – 3 ފުރުސަތު
މާސްޓަރ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު
ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލެވިފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު ހުޅުވާލެވިފައިވެއެވެ.
މީގެ އިތުރުން 13 ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތުތައް ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީއިންނެވެ.
ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕްންޑް) 10 ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ސުޕަރ ސްޕެޝަލައިޒޭޝަންގެ ޔޫރޮލޮޖީ / ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ ކޮންމެ ދާއިރާއަކުން ފުރުސަތަކަށް ވަނީ ހުޅުވާލެވިފައެވެ.