ޚަބަރު
ރާއްޖެއާއި ތުރުކީގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އިޤްތިޞާދީ ވަޒީރު ތުރުކީއަށް

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ތުރުކީއަށް ފުރައިވަޑައިގަތުން ފޮޓޯ: ވުޒާރާ
ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ތުރުކީއަށް ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އިޤްތިޞާދީ ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
އިޤްތިޞާދީ ވަޒީރުގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ވިޔަފާރިވެރިންގެ އިތުރުން އެ ޤައުމުގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއް ދެއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، އައު އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީ ތުރުކީވިލާތް ކަމަށްވުމާއެކު، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. ފާއިތުވި އަހަރުތަކުގައި ތުރުކީވިލާތުން ވަނީ ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާވެ، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތަކެއް ލިބި، އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.