ޚަބަރު
ޤާބިލު ޒުވާނުން އުފެއްދުމަށް އެޗްޑީސީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕްގައި ބައިވެރިވުމަށް ހުޅުވާލާއިފި

އެޗްޑީސީން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން- ފޮޓޯ: އެޗްޑީސީ
ވަޒީފާގެ މައިދާނުގައި ޤާބިލު ޒުވާނުން އުފެއްދުމަށް އެޗްޑީސީން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއިފިއެެވެ.
އެޗްޑީސީން ވިދާޅުވީ އެކުންފުނީގެ އިޖުތިމާއި ޒިންމާގެ ދަށުން ޒުވާނުން ކުރިއެރުވުމަށް ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަޤްސަދަކީ ޤާބިލް ޒުވާނުން އުފެއްދުމާއި ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުން ކަމަށެވެ. މި ޕްރޮގްރާމް ހުޅުވާލާފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހިންނަށެވެ.
މި ޕްރޮގްރާމުގައި ހަތަރު ދާއިރާއަކުން ޒުވާނުން ތަމްރީނު ކުރާނެއެވެ. އެއީ، އެއްގަމު އުޅަނދުފަހަރު މަރާމާތު، ކަނޑު އުޅަނދުފަހަރު އިންޖީނު މަރާމާތު އަދި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މޭކިންގ ދާއިރާ ކަމަށް އެޗްޑީސީން މަޢުލޫމާތުދެއްވައެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް މި ދާއިރާތަކުން ލެވެލް 3 ގެ ސަނަދެއް ލިބިގެންދާނެއެވެ.
މި ޕްރޮގްރާމަކީ 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ކޮންމެ މަހަކު 6000 ރުފިޔާގެ އެލަވެންސްއެއް ދިނުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. ޖޫން މަހުގެ 22 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި 25 ބައިވެރިންނަށް ފުރުސަތު ދިނުުމަށް ވަނީ ހަމަޖެހިފައެވެ.