ޚަބަރު
ނޮން-ރެޒިޑެންޓު ސަފީރުކަމަށް ޢަބްދުލްލަޠީފް އައްޔަންކުރަން ފާސްކޮށްފި

ނޮން-ރެޒިޑެންޓު ސަފީރުކަމަށް އައްޔަނުކުރެއްވި ޢަބްދުލްލަޠީފް
އަޒަރުބައިޖާނަށް ކަނޑައަޅާ ނޮން-ރެޒިޑެންޓު ސަފީރުކަމަށް ތުރުކީގައި ހުންނަވާ ދިވެހި ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އައްޔަނުކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޢަބްދުއްރަހީމް ޢަބްދުލްލަޠީފްގެ ނަން ދިރާސާކުރުމަށްފަހު ވަނީ ނޮން-ރެޒިޑެންޓް ސަފީރުކަމަށް އޭނާ ޢައްޔަންކުރައްވަން ފެންނަކަމަށް ފާސްކޮށްފައެވެ. އަދި މަޖިލީހުގެ ތަޅުމަށް އެ ރިޕޯޓް ހުށަހެޅުމުން މަޖިލީހުންވެސް ވަނީ ޢަބްދުއްރަހީމް ޢަބްދުއްލަޠީފަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައެވެ.
މިގޮތަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.
ސަފީރު އަބްދުއްރަހީމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް މީގެކުރިން ފުރުއްވާފައިވާ އަސްކަރީ ދާއިރާގެ އެކި މަގާމުތަކުގައި 39 އަހަރަށް ވުރެ ގިނަ އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.